ޠާރިގު އިބްރާހީމް

މަޝްރޫއުތައް ހުއްޓުނީ ކުރީ ސަރުކާރުގައި ޕްލޭނެއް ނެތުމުން: ތޯރިގު

މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ކަރަންޓުގެ މަޝްރޫއުތައް ހުއްޓުނީ ޕްލޭނެއް ނެތި ކުރުމުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ އިސްކަންދޭ ތަރުތީބަކުން ނޫން ކަމަށާއި މަޝްރޫއުތައް ހުއްޓިފައިވާ ރަށްތަކުގެ ތެރޭގައި އާބާދީ ބޮޑެތި ރަށްތައްވެސް ހިމެނޭ ކަމަށެވެ.

"އެންމެ އާބާދީ ބޮޑެތި ރަށްރަށުގައިވެސް ކަރަންޓް މަސައްކަތްތައް ވަކި ހިސާބަކުން ހުއްޓިފަ. އެގޮތުން އައްޑޫ ސިޓީގައި އޮތީ މަސައްކަތް ހުއްޓިފަ. ފުވައްމުލައް ސިޓީގައި މަސައްކަތް ހުއްޓިފަ. ތިނަދޫގައި މަސައްކަތް ހުއްޓިފަ. ކުޅުދުއްފުށީގައި މަސައްކަތް ހުއްޓިފަ،" ތޯރިގު ވިދާޅުވި އެވެ.

މަސައްކަތް ހުއްޓިފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަރަންޓު މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަނގަޅަށް އެކަންތައް ކޮށްފަ އޮތްނަމަ މިއަދު (ހިދުމަތް) އޮންނާނީ ގާއިމު ކުރެވިފަ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ފެނަކައިން މިހާރު ދަނީ ރަށްރަށަށް ބޭނުންވެފަ ހުރި ކަންކަން ބަލައި ކަރަންޓު ފޯރުކޮށްދެވޭނެ ގޮތްތައް އެ ކޯޕަރޭޝަނުން ދަނީ ބަލަމުންނެވެ.