ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ ބަލައިދިނުމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް ހަމަވުމުން އެ މީހުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމުމާ ގުޅިގެން އިއްޔެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.
މިކަމާ ގުޅިގެން މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ ދިއްދޫ އާ އިންޖީނުގެ އާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރިކަން އެ މުވައްޒަފުން އޭނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން އެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ނުތަނަވަސްކަން ލިބި އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އޮތްކަން އަބްދުﷲ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި ދިއްދޫ އާ އިންޖީނުގެ އާއި އައިސް ޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި އެ މަސައްކަތްތައް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަންގައި އެދުމަށް މި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިދިނުމަށް މެންބަރު އަބްދުﷲ ވަނީ ހުށަހަޅުއްވާފަ އެވެ.
ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް ހަމަވުމުން އެ މީހުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމުމުން އިއްޔެ އިހުތިޖާޖުކޮށްފައިވާއިރު އެ މީހުން ބުނާ ގޮތުން ކޮންޓްރެކްޓް އާ ނުކުރާނެކަން ފެނަކަ ކޯޕަރޭޝަނުން އެންގީވެސް އިއްޔެ އެވެ.
ވަޒީފާއިން ދޫކޮށްލަން ނިންމި ބައެއް މީހުންގެ ކޮންޓްރެކްޓްގެ މުއްދަތުވެސް ހަމަނުވާކަން އިހުތިޖާޖުކުރި މީހުން ފާހަގަކުރި އެވެ.