ކަރަންޓް ބިލްތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ކަރަންޓު ބިލްތައް ފާއިތުވި މަސްތަކުގައި އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.
"ސަރުކާރުގެ ފަރާތުން ކަރަންޓު ފޯރުކޮށްދެމުންދާ މައި ދެ ކުންފުނި ކަމަށްވާ ފެނަކަ އާއި ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދެމުންދާ ކަރަންޓަށް ކުރަމުންގެންދާ ބިލްތައް ފާއިތުވި މަސްތަކުގައި އަދި ނިމިދިޔަ މަހުގައި އިންތިހާއަށް ބޮޑުވެފައިވާތީވެ މިކަންކަން ބަލައި ތަހުގީގުކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ،" މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ އެޕްރީލް މަހުގެ ކަރަންޓު ބިލް ލިބުމުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ސްޓެލްކޯއަށް ޝަކުވާ ހުށަހަޅައި އެކި މަސްމަހުގެ ބިލްގެ ފަރަގު ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ސުވާލުކުރަމުން ދިޔަ ކަމަށް މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.
މިކަމުގެ ކަންބޮޑުވުންތައް ގިނަވެ ސްޓެލްކޯ އިން ބިލްތަކަށް ލުއި ދިންކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ފަހުން ނެގި ބިލްތައް ބޮޑު ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް މި ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނަގާފައިވާ ބިލްތައް އަދި ކުރިއަށްވުރެ ބޮޑު ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން، މިހެން މިކަން ހިނގާއިރު ރައްޔިތުންނަށް ކަރަންޓު ބިލް ބޮޑުވި ގޮތުގެ ތަފުސީލު ލިބޭނެ ގޮތެއް އަދި ނުވޭ،" މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަފްސީލު ލިބުނު ބައެއް ބިލް ތައްޔާރުކޮށްފައިވަނީ އެވަރެޖް ބިލްތަކެއްގެ ގޮތުގައި ކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެހެންކަމުން ރައްޔިތުންނަށް ކަރަންޓް ބިލްތައް ވާގޮތް ސާފުކޮށްދީ މިކަހަލަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުނދަގޫ ކަންކަމުގައި ވީހާވެސް އަވަސް ހައްލެއް ހޯދައިދިނުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 61 މެންބަރުންގެ އިއްތިފާގުންނެވެ.