ފެނަކަ ކޯޕަރޭޝަންގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީން މިއަދު ދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހުސައިން ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ އިތުރުން އައިސްޕްލާންޓާއި ބޮޓްލިން ޕްލާންޓްގެ ހިދުމަތް ދެމުންދާ މުވައްޒަފުން ވަކިކުރަމުންދާ ކަމަށެވެ. މި ސަރުކާރުން ފެނަކަ ކޯޕަރޭޝަނުން އަނިޔާވެރިކަމާއި ބޭ އިންސާފުން ބަދަލު ހިފުމުގެ ރޫހުގައި ވަކިކުރަމުންދާ މައްސަލަ ހުއްޓުވައިދިނުމަށް އެމްޑީޕީގައި އެދިފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެ އަނިޔާވެރި އަމަލު ހުއްޓުވުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްވީ ވޯޓު ދެއްވި 33 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް އިމްޕީޗްކުރަން މުޒާރަހާކުރަންޖެހޭ: ހުސައިން ޝަހީމް
ކުއްލި މައްސަލައިގެ ބަހުސްކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވަނީ ބޭރު ގައުމުތަކުގެ ރައްޔިތުކަން އޮންނަ ބޭފުޅުން މި ސަރުކާރުގައި ކެބިނެޓަށް އައްޔަންކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އެމެރިކާ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުން ގެނެސް ކެބިނެޓަށް ލާފަ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ފެނަކާގައި މަސައްކަތްކުރާ ކަނޑާ ގެއަށް ފޮނުވާ ތަން ބަލާކަށް އަޅުގަނޑުމެން މިތާކު ނުތިބޭނަން،" ހުސައިން ވިދާޅުވި އެވެ.
މަޖިލީހަށް ސީވީ ފޮނުއްވި ބައެއް މިނިސްޓަރުން ސީވީގައި ބޮޑު އަކުރުން އެ ބޭފުޅުންނަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް ޖަހާފައިވާ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.
ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދާނަމަ ރައްޔިތުން މަގާމުތަކުގައި ބައިތިއްބަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ
"ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ލާފަ ހުރީ އެހެން ގައުމެއްގެ މީހެއް. އަދި އެހެން ގައުމަކަށްވެސް ނެޝަނަލް ސެކިއުރިޓީގެ އެޑްވައިޒްދޭ މީހެއް،" ހުސައިން ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ އެކަމުގެ ސަބަބުން މަސްލަހަތު ފުށު އަރާ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ޕީޕީއެމްގެ ރައީސް ޔާމީނަށް ތާއީދުކުރާ ފެކްޝަންގެ މީހުން މަޖިލިސް ދޮށަށް ވަޑައިގެން ތިބޭފުޅުން އަޑު އުފުލާށޭ. މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އިމްޕީޗް ކުރުމަށްޓަކާ މިތަނަށް ވަޑައިގެން މުޒާހަރާ ކުރައްވާށޭ. އަޅުގަނޑު ގޮވާލަން އަޅުގަނޑުމެންގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށްވެސް ރައްޔިތުންނާމެދު މިގޮތަށް އަނިޔާވެރިކޮށް އަމަލުކުރަންޏާ މި ސަރުކާރު ނުބާއްވަން،" ހުސައިން ވިދާޅުވި އެވެ.
މި ފޭރޭ ސަރުކާރު ކުޑަކަކުލަށް ތިރިކުރަން އެބަޖެހޭ: މީކާއީލް
ކުއްލި މައްސަލައިގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ވިދާޅުވީ މި ސަރުކާރުގެ އަސްލު ކުލަ ފެންނަމުންދާ ކަމަށެވެ.
އެއްވެސް ދިވެހި ރައްޔިތެއްގެ ހައްގަކަށް އަރައިވަޑައިނުގަންނަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރައީސް އޮފީހުގައި ސިޔާސީ ނޫން ވަޒީފާތަކުގައި ތިބި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
"ސިޔާސީ ނޫން ވަޒީފާތަކަށް އައްޔަންކުރެވިފައިވާ 90 އަށްވުރެ ގިނަ ސްޓާފުން ކަނޑާ އެއްލާލައިފި،" މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ވިދާޅުވީ ރައީސް މުއިއްޒުގެ އާއިލާ ބޭފުޅުންނަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފައިވާ ކަމަށެވެ.
ކޮންސަލްޓަންޓުންގެ ގޮތުގައި އައްޔަންކުރެވިފައިވާ ބޭފުޅުންގެ އަދަދު އެނގުނީ ކެބިނެޓް މިނިސްޓަރުންގެ ޕޯޓްފޯލިއޯ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރުުން ކަމަށާއި 40 ހާހުން 50 ހާހުން މުސާރަ ދީފަ ފާއިތުވި ދެ އަހަރު އައްޔަންކޮށްފައި ނެތް ކޮންސަލްޓަންޓެއް ކެބިނެޓް މިނިސްޓަރަކަށް އައްޔަންކޮށްފައި ނެތް ކަމަށް މީކާއީލް ވިދާޅުވި އެވެ.
"މި ފޭރޭ ސަރުކާރު އަޅުގަނޑުމެން ކުޑަކަކުލަށް ތިރިކުރަން އެބަޖެހޭ،" މީކާއީލް ވިދާޅުވި އެވެ.
ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން: ސަލީމް
ކުއްލި މައްސަލައިގެ ބަހުސްގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މުވައްޒަފުންގެ ވަޒީފާ ގެއްލުމަކީ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ހޯރަފުށީގެ ބޮޓްލިން ޕްލާންޓްގެ މަޝްރޫއުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"ހޯރަފުށީގެ ބޮޓްލިން ޕްލާންޓްގައި މަޝްރޫއުގައި މަސައްކަތްކުރާ 22 މުވައްޒަފަކު ކުއްލި ގޮތަކަށް ރޭގަނޑުގެ ވަގުތެއްގައި ހޯލްސޭލްކޮށް ވަޒީފާއިން ވަކިކުރުން އަޅުގަނޑަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެއް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ވަރަށް ފަރުވާ ތެރިކަމާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދިޔަ މުވައްޒަފުންތަކެއް ކުއްލި ގޮތަކަށް ރޭގަނޑުގެ ވަގުތެއްގައި އެންމެންނަށް ޗިޓު ފޮނުވުމަކީ ހެޔޮ އެދޭ ސަރުކާރަކުން ކަންކުރާނެ ގޮތް ކަމަަށް ގަބޫލުނުކުރައްވާ ކަމަށެވެ. ވަޒީފާއިން ވަކިކުރި މީހުންނަށް ވަޒީފާ އަނބުރާ ދިނުމަށްވެސް ސަލީމް ވަނީ ގޮވާލައްވާފަ އެވެ.
"ހަމަ އެކަނި އަނގަބަހަކުންނެއް ނޫން. ލިޔުމުން ކޮންޓްރެކްޓް އާކުރުމުގެ ތެރެއިން އެކަން ނުކުރައްވައިފިނަމަ އަޅުގަނޑުމެން ދެން ގާނޫނީ ގޮތުން އެ މުވައްޒަފުންގެ ހައްގުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން އެކަމުގައި މި މަޖިލިސް ފަހަތަކަށް ނުޖެހޭނަން،" ސަލީމް ވިދާޅުވި އެވެ.
ރަށްފުށުގެ ތަރައްގީއަކީ ޕީޕީއެމް-ޕީއެންސީ ސަރުކާރަށް އެނގޭ އެއްޗެއް ނޫން: މުހައްމަދު ރާޝިދު
ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވީ ރަށްފުށުގެ ތަރައްގީއަކީ ޕީޕީއެމް-ޕީއެންސީ ސަރުކާރަށް އެނގޭ އެއްޗެއް ނޫންކަން ހާމަވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރަށްރަށުގައި އިންޖީނުގެތައް އަޅާފައިވާ ކަމަށާއަި ފެނާއި ނަރުދަމާ ގާއިމުކޮށް މުވައްޒަފުންނަށް ވަޒީފާ ދިނީ ވަސީލަތްތައް ގާއިމުކުރުމަށްފަހު ކަމަށް ރާޝިދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ މައިގަނޑު ތިން ވައުދާއެކު ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމިން މިނިވަންކުރުމާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު އަލުން ހޯދުމާއި އިންޑިއާ ސިފައިން ބޭލުން ކަމަށާއި އެކަންކަން ދިޔައީ "ޗޮކުން" ކަމަށް ރާޝިދު ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވި ބައެއް ބޭފުޅުންނަށް މެއިލް ޗެކްކުރަން ނޭނގޭ ކަމަށް ރާޝިދު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަމިއްލައަށް މެއިލް ޗެކްކުރަން ނޭނގޭ އެތައް ބަޔަކު މިނިސްޓަރުން ފެންވަރުގައި ލައިގެން ޑެޕިއުޓީ ފެންވަރުގައި ލައިގެން އުޅޭ އުޅުމުގެ ސަބަބުން އަޅުގަނޑުމެން ރައްޔިތުންނަށް މިދަނީ ވަރަށް ބޮޑެތި ގެއްލުންތައްވަމުން،" ރާޝިދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުން ރާއްޖެއަށް މަންފާއެއް ނުލިބުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.