ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް ހަމަވުމުން އެ މީހުންގެ ކޮންޓްރެކްޓް އާނުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމުމާ ގުޅިގެން އިހުތިޖާޖުކުރަން ފަށައިފި އެވެ.
ދޫކޮށްލަން ނިންމާފައިވާ މުވައްޒަފުންނަކީ ނިމިދިޔަ ސަރުކާރުގައި ދިއްދޫ އާ އިންޖީނުގެ އެޅުމަށް ވަކި މުއްދަތަކަށް ކޮންޓްރެކްޓް ހަދައި ނަގާފައި ތިބި މުވައްޒަފުންނެވެ.
އިހްތިޖާޖު ކުރަމުންދާ މީހަކު ބުނީ އެމީހުންގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު އަންގާފައިވާ ކަމަށެވެ. އޭނާ ބުނީ ދޫކޮށްލަން ނިންމި ބައެއް މީހުންގެ ތެރޭގައި ކޮންޓްރެކްޓްގައިވާ މުއްދަތު ހަމަނުވާ ބަޔަކުވެސް ހިމެނޭ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ކަނޑާލަން ނިންމި ވާހަކަ ކުރިން ނުވެސް ބުނޭ. މިއަދު އޮފީހަށް ގޮސް ފިންގަ ޖަހަން އުޅެ އުޅެ ނުޖެހިގެން ސުވާލުކުރީމާ މިބުނީ ކަނޑާލަން ނިންމި ވާހަކަ،" އޭނާ ބުންޏެވެ.
އިހްތިޖާޖު ކުރި މީހުންގެ މައިގަނޑު ހުށަހެޅުމަކީ ކުރިން އަންގާވެސް ނުލައި ކުއްލިއަކަށް ކަނޑާލުމަށް ނިންމުމާ ގުޅިގެން އެކަށީގެންވާ ވަގުތެއް ދިނުމަށްފަހު އެ ނިންމުން ނިންމުމެވެ.
"ހަގީގަތުގައި 53 މުވައްޒަފުންނާ ގުޅިފައިވާ އެތައް އާއިލާއެއް އެބަތިބި. ކުއްލިއަކަށް ކަނޑާލީމާ އަޅުގަނޑުމެން ކައިބޮއި އުޅެނީ ކިހިނެއްތޯ؟ އެކަމަކު ވަގުތެއް ދީފައި ދޫކޮށްލީމާ އަޅުގަނޑުމެންނަށް ގޮތެއް ހޯދޭނެ،" މައުލޫމާތު ދިން މީހާ ބުންޏެވެ.
ފެނަކައިގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ވަކި މަޝްރޫއަކަށް އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ނަގާފައި ވަޒީފާއަށް ނަގާފައިވާ ވަރަށް ގިނަ މުވައްޒަފުން އަތޮޅު ތެރޭގައި މަސައްކަތް ކުރާ ކަމަށެވެ. ކުންފުނީގެ ހާލަތު ހުރި ގޮތުންނާއި އެފަދަ މުވައްޒަފުންނާ ހަވާލުކުރާނެ އިތުރު މަސައްކަތެއް މިވަގުތު ކުންފުނީގައި ނެތުމުން ކޮންޓްރެކްޓްގައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމުން ދޫކޮށްލާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. އަޅުގަނޑުމެން މިހާތަނަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިމައުލޫމާތުތައް ވާނީ ހާމަކޮށްފަ،" އޮފިޝަލް ވިދާޅުވި އެވެ.
ފެނަކަ އިން ކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު ވަކި މަޝްރޫއަކަށް ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނިމިދިޔަ ސަރުކާރުން ވަނީ 2،000 އަކަށް މުވައްޒަފުން ވަޒީފާއަށް ނަގާފަ އެވެ.