ފ. ބިލެތްދޫ ފެނަކަ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު އެރަށު އަސްރަފީގެ އަހުސަން ހުސައިން މުސާރަ ނުލިބޭ ގޮތަށް އެ ކުންފުނިން ސަސްޕެންޑްކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މި މަހުގެ ހަތަރު ވަނަ ދުވަހު އަހުސަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އޭނާއާ ގުޅުންހުރި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކުންފުނީގެ ގަވާއިދަށް ރިއާޔަތްކޮށް އަހުސަން މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީ ގޮތުން އޮފީހުގެ މަސައްކަތަށް ނިކުތުން މަނާކޮށްފައިވާކަން ސިޓީގައި ވަނީ އަންގާފަ އެވެ.
އަހުސަން ސަސްޕެންޑްކޮށް ފެނަކަ އިން ފޮނުވި ސިޓީގައި މިހެން ބުނެފައިވީ ނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަހުސަން ސަސްޕެންޑްކުރީ ބިލެތްދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުނުކުރުމުންނެވެ.