ފެނަކަ ކޯޕްރޭޝަން

ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދީފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މުއާޒު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.

މަގާމުން އިސްތިއުފާ ދެއްވާ މުއާޒު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވަނީ މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގިނަގުނަ ގޮންޖެހުންތަކާއިއެކުވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލު ކުރެވިފައިވާކަން ފާހަގަކޮށްފަ އެވެ.

މުއާޒުގެ ސިޓީގައި ވަނީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގުން ބައްޓަން ކުރަންޖެހޭ ތަންތަނަށް ވީނަމަވެސް ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އެއީ، ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި، ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުމާއި، ކުންފުންޏާއި ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތުމާއި، ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި، އަދި ކުންފުނި ރައިޓް ސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުންހުރި އިދާރާތަކުން ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހިފައިވާ ހަރަދު އިންތިހާއަށް އިތުރުވެފައި ވާތީ އެވެ،" މުއާޒުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ހާލަތު މިހެން އޮތްކަމުގައި ވީނަމަވެސް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް މުއާޒު ވިދާޅުވި އެވެ.

އެގޮތުން އޮކްޓޫބަރު 2023 އާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށްވެސް ރައީސް މުއިއްޒަށް މުއާޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

މުއާޒު ވިދާޅުވީ ހާލަތުން އަރައިގަތުމަށް ކުންފުނިން ތައްޔާރުކުރި ޕްލޭންތައް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ހިއްސާކުރި ނަމަވެސް މިކަމުގައި އަލިމަގެއް މިއަދާ ހަމައަށްވެސް ފެނިފައިނުވާ ކަމަށެވެ.

"މި ފާއިތުވި އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރުވެސް ޖަމާކޮށްދެވިފައި ނުވާ ވާހަކަ ފާހަގަކުރަމެެވެ،" މުއާޒުގެ ސިޓީގައި ވިދާޅުވި އެވެ.

މިއީ ފަހުގެ ތާރީހެއްގައި ފެނަކައިގައި ހިނގާފައިވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ފެނަކައިގެ ބެލެނިވެރި ފަރާތް ކަމުގައިވާ ފިނޭންސް މިނިސްޓްރީއަށް މި ކަންކަމުގައި ހުރި ދަތިތަކާއި ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށް ގޮތެއް ހޯދުމަށް ތަފާތު އެކިފަހަރު މަތިން ދަންނަވާފައިވާ ކަމަށެވެ.

މުއާޒު ވަނީ މިފަދަ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށްވެސް މަހުރޫމްވާން ޖެހުމަކީ އޭގެ ސަބަބުން އޭނާ އާއި ކުންފުންޏާއި ރައީސް މުއިއްޒުވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތައް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއްކަން ފާހަގަކޮށްފަ އެވެ.

"އެހެންވުމާއިއެކު، ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ،" މުއާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފެނަކައިގެ އެމްޑީގެ މަގާމަށް މުއާޒު އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.