އެމްޑީޕީ

ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ކުށްވެރިކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދީފައިވާ ބައެއް މީހުން ވަކިކުރަނީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ސަރުކާރު ކުށްވެރިކޮށް ބަޔާނެއް ނެރެފައި މިވަނީ ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް ހަމަވުމުން އެ މުވައްޒަފުންގެ ކޮންޓްރެކްޓް އާނުކުރަން ފެނަކަ އިން ނިންމުމާ ގުޅިގެންނެވެ.

ފެނަކައިގެ އޮފިޝަލަކު އިއްޔެ އަވަސްއަށް ވިދާޅުވީ ވަކި މަޝްރޫއަކަށް އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ވަޒީފާއަށް ނަގާފައިވާ ވަރަށް ގިނަ މުވައްޒަފުން އަތޮޅު ތެރޭގައި މަސައްކަތް ކުރާ ކަމަށެވެ. ކުންފުނީގެ ހާލަތު ހުރި ގޮތުންނާއި އެފަދަ މުވައްޒަފުންނާ ހަވާލުކުރާނެ އިތުރު މަސައްކަތެއް މިވަގުތު ކުންފުނީގައި ނެތުމުން ކޮންޓްރެކްޓްގައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމުން ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާގައި ހުރި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަވެގެން ދޫކޮށްލައި މުވައްޒަފުން ރައީސްގެ ވައުދުގެ ތެރޭގައި ނުހިމެނެ އެެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިބި އެތައް ސަތޭކަ މުވައްޒަފުން އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިފަދައިން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ. ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމު ކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ ސަރުކާރު ކުންފުނިތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި އަދި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތައް އެ ބޭފުޅުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށެވެ." ބަޔާނުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345