ދެ ސިޓީއެއްގެ ކައުންސިލަށް ކައުންސިލަރުން ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ސިޓީތަކުގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަކަށާއި ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކައުންސިލަރުން ހޮވުމާއި، ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމުގެ އިންތިހާބެވެ.
ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް އަރީޝް އިސްމާއީލް އެވެ. އޭނާއާ މި އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޝާއިލް މާހިރު އެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މިއަދު ވޯޓުލީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ހުޅުމާލޭ ދާއިރާގެ ގޮނޑިއަށް ކައުންސިލަރުން ހޮވުމަށެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ފާތިމަތު އިޝާން އަލީ އެވެ. އަދޮ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބު ކުރެއްވިއިރު ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ އައިމަން އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ޕީއެންސީގެ އިބްރާހިމް އަހްމަދު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޝަމްނޫޒް މުހައްމަދާ ވާދަކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ބޭއްވި ބައި އިލެކްޝަންތަކުގައި ވޯޓުލާން ނިކުތީ މަދު ބައެއް ކަމަށާއި އިންތިހާބަށް އާންމުންގެ ތަރުހީބު ކުޑަކަމަށެވެ.