މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު މަދު ކަމަށާއި މިއަދު ހެނދުނު 12:00 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ އެންމެ 11.07 ޕަސަންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މާލޭގެ މޭޔަރާއި މާލޭގެ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ޖެހިއިރު އެވެ. ވޯޓުލުމުގެ ވަގުތު ބަންދުވާނީ ހަވީރު 5:00 ޖަހާއިރު އެވެ.
މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު 56،002 މީހުންނަށް ލިބިގެންވެ އެވެ. އެއީ 28،621 ފިރިހެނުންނާއި، 27،381 އަންހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހެނދުނު 12:00 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 3،606 ފިރިހެނުންނާއި 2،595 އަންހެނުންނާ އެކު ޖުމްލަ 6،201 މީހުންނެވެ. އެއީ އެންމެ 11.07 އިންސައްތަ މީހުންނެވެ. އެހެންކަމުން 12:00 ޖެހުމާ ހަމައަށް ވޯޓު ނުލާ 49،801 މީހަކު ތިއްބެވެ.
މިއިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް އާއި ޕީއެންސީގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހުގެ އިތުރުން އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ ޝުއައިބު އަލީ އާއި ހުސައިން ވަހީދު އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް މާލޭގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. މާލޭގެ ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވަނީ އެ ދާއިރާތަކުގައި ތިއްބެވި ކައުންސިލަރުން އިސްތިއުފާ ދެއްވަވާ ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.