އިލެކްޝަންސް ކޮމިޝަން

ބައި-އިލެކްޝަންތަކުގައި 2،633 މީހުން ވޯޓުލައިފި

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 2،633 މީހުން -- 4.70 ޕަސަންޓް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

މާލޭގެ މޭޔަރާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގަ އެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 56،002 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި 54،680 މީހުންނަށް ވޯލުމުގެ ހައްގު ލިބެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުތަކުގައި ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި ވޯޓުލާފައިވަނީ 1،007 އަންހެނުންނާއި 1،626 ފިރިހެނުންނެވެ.

މި ބައި-އިލެކްޝަންތަކުގައި މިއަދު ހެނދުނު 9:00 އާ ހަމައަށް ވޯޓުލާފައިވަނީ ޖުމްލަ 1،204 މީހުންނެވެ.

ބައި-އިލެކްޝަންތަކުގައި ވޯޓުލާ ވަގުތުގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މިއަދު ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލާ ވަގުތު އިތުރު އެއްގަޑިއިރަށް އިތުރުކޮށްފަ އެވެ.