އާދަމް އާޒިމް

މުޅި ސަރުކާރު ބަލިކޮށް މޭޔަރަކަށް އާޒިމު

މާލޭގެ މޭޔަރު ކަމުގެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

މާލޭގެ މޭޔަރާއި މާލޭގެ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ އާޒިމުގެ އިތުރުން ޕީއެންސީގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހް އާއި އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ ޝުއައިބު އަލީ އާއި ހުސައިން ވަހީދު އެވެ.

ލޯކަލް ކައުންސިލްތަކަށް މެންބަރުން ހޮވަން ފެށީއްސުރެ 2021 ވަނަ އަހަރާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަދި މާލޭގެ މޭޔަރުކަންވެސް ހޯދާފައިވަނީ އެމްޑީޕީންނެެވެ. ނަމަވެސް 2021 ވަނަ އަަހަރު ރައްޔިތުންގެ ސީދާ ވޯޓަކުން މޭޔަރު ހޮވާ ގޮތަށް ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ނިކުންނަވައިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެން ހައިރާންކޮށްލުމަށްފަހު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އެ ފަހަރު ހޯދީ ޕީޕީއެމް އެވެ. މާލެ ސިޓީ ކައުންސިލްގައި މިވަގުތު މެޖޯރިޓީ އޮތީވެސް ޕީޕީއެމް ޕީއެންސީ އަށެވެ.

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ޖުމްލަ ނަތީޖާ އަދި ނުލިބުނު ނަމަވެސް މިހާރު ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ އިން އާޒިމް އުޅެނީ އޭނާއާ ވާދަކުރައްވާ ކެންޑިޑޭޭޓް އާޒިމާ އަށް ވުރެ 2،000 ވޯޓު ކުރީގަ އެވެ. މިވަގުތު ތިންވަނައިގައި އުޅެނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އާޒިމް ކާމިޔާބު ކުރައްވާފައި މިވަނީ އާޒިމާއަށް ކާމިޔާބު ހޯދައިދިނުމަށް ސަރުކާރުގެ އެންމެ މަތިން ފެށިގެން އާދައިގެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް އާޒިމާ އަށް ވަރުގަދައަށް ކެމްޕޭން ކޮށްދީފައި ވަނިކޮށެވެ.

މާލޭގެ މޭޔަރު އިންތިހާބު އެމްޑީޕީއަށް އަލުން ކާމިޔާބުވުމަކީ އެ ޕާޓީން ދެކޭ ގޮތުގައި ކުރިއަށް އޮތް އިންތިހާބުތަކަށް ވަރަށް ބޮޑު ކާމިޔާބެކެވެ.