މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ސާބިތުކަމާއެކު ކަމަށްވާތީ ގުނޑުވާނުލެވޭނެ ކަމަށާއި އޭނާއާ ކުޅެން ނޫޅުމަށް ޕީޕީއެމް ޕީއެންސީގެ މޭޔަރ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިހެން ވިދާޅުވީ އިސްލާމިކް ބޭންކް (އެމްއައިބީ)އަށް އޭނާ ދައްކަންޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމަކާ ގުޅިގެން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންމެވެ. މި ހުކުމްގައި ވަނީ އެމްއައިބީ އިން އޭނާ ނެގި ލޯނު ނުދައްކާ އޮތުމުން ދައްކަންޖެހޭ 4.2 މިލިއަން ރުފިޔާ ހަމަސް ދުވަސް ތެރޭގައި ދެއްކުމަށް އަމުރުކޮށްފަ އެވެ.
މާލޭގެ މޭޔަރު ހޮވުމަށް މި މަހުގެ 13 ވަނަ ދުވަހުގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އަބަދުވެސް ހުންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކަމަށެވެ. އެކަމަށް އެއްވެސް ބަދަލެއް ނުގެނެވޭނަ ކަމަށްވެސް ވިދާޅުވި އެވެ.
"ރާއްޖެއަށް ރައީސް ގެންނަން ނިންމަވާފައިވާ ބަދަލުތައް ގެނައުމުގައި ކުރަންޖެހޭ މަސައްކަތްތައް އެ ކޯލިޝަންއިން ވަރުގަދަ ކަމާއެކު ކުރާނަން، ކޯލިޝަން ބައިބައިކޮށް ގުޑުވާލުމަކީވެސް ފަސޭހަ ކަމެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އޭނާ އާއި އާއިލާއަށް ކިތަންމެ ޖެއްސުމެއް ކުރިޔަސް އޭނާގެ އަޒުމު ގުޑުވާ ނުލެވޭނަ ކަމަށެވެ. އަދި އޭނާ އަކީ އަބަދުވެސް ގޮތުގައި ސާބިތުވެ ހުންނާނެ މީހެއް ކަމަށާއި ޖެއްސުން ކުރާ ވަރަކަށް އަޒުމު ވަރުގަދަވުން ފިޔަވައި އެހެން ކަމެއް ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ޒާތީ ދެ ހަމަލާއެއް މިއަދުވެސް ތަހައްމަލް ކޮށްފިން. އޭރުވެސް އަޅުގަނޑު ހުރީ ކެމްޕޭނުގައި ޑޯޓުޑޯ ހަރަކާތުގައި،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އޭނާއާ ކުޅެން ނޫޅުމަށާއި އޭނާއާ ނުކުޅެވޭނެ ކަމަށެވެ. އެފަދަ ހަމަލާތަކުން ސަލާމަތްވެ އޭނާ އެއީ ދިވެހި އަންހެނެއް ކަން ދައްކަވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ލޯޔަލްޓީއާ މެދު ޝައްކު ކުރުމުގެ ފުރުސަތު ކުރިންވެސް ދީފައި ނުވާނެ ކަމުގައި ވިދާޅުވި އެވެ.