މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަަކުރެއްވުމަށް ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝުކޫރު ފޯމު ހުށަހަޅުއްވައިފި އެވެ.
މާލޭގެ މޭޔަރާއި މާލެ ސިޓީ ކައުންސިލަށް ހޮވަންޖެހޭ ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.
އާޒިމާއާއި އެކު ކައުންސިލަރު ކަމަށް ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ތިން ބޭފުޅުންވެސް މިއަދު ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ.
އާޒިމާ ވިދާޅުވީ އެކަމަނާ މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ މާލެ ސިޓީގެ ތަރައްގީއަށް ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވި ތަސައްވަރު ހަގީގަތަކަށް ހެދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އާޒިމާއާ އެކު މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެވެ. ރައީސް އަބްދުﷲ ޔާމީން ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި މޭޔަރު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. މީގެއިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހްވެސް ގެންދަވަނީ މާލޭގެ މޭޔަރު ކަމަށް ކެމްޕޭން ކުރައްވަމުންނެވެ. ނަމަވެސް ހުސައިން ވަހީދާއި ސައިފް އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑި ހުސްވީ ތިން ކައުންސިލަރަކު ރައީސް މުއިއްޒުގެ ސަަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށްޓަކައި ކައުންސިލުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.