އިލެކްޝަންސް ކޮމިޝަން

މާލެ އާއި ބައެއް ރަށްތަކުގައި ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް

މާލެ އާއި ބައެއް ރަށްތަކުގެ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަންގެ ވޯޓުުލުން ފަށައިފި އެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށަން އޮތީ މިއަދު ހެނދުނު 8:00 ގައި ނަމަވެސް އެ ގަޑިއަށް ވޯޓުލާން މީހުން ނުދިއުމުގެ ސަބަބުން ބައެއް ފޮށިތަކުގައި އެ ގަޑިއަށް ވޯޓުލުން ފެށިފައިނުވެ އެވެ.

މި އިންތިހާބުތަކުގައި 25 ވޯޓު ފޮށި ބަހައްޓާއިރު ހެނދުނު 8:00 ގައި ވޯޓުލުން ފެށިފައިވަނީ 18 ފޮށީގަ އެވެ.

ވޯޓުލުން ކުރިއަށްދާ ދާއިރާތައް

  • ހެންވޭރު ހުޅަނގު ދާއިރާ
  • މައްޗަންގޮޅި މެދު ދާއިރާ
  • ހުޅުމާލެ ދާއިރާ
  • ކުޅުދުއްފުށި އުތުރު ދާއިރާ
  • ބިލެތްދޫ ކައުންސިލްގެ ރައީސް
  • ރަސްމާދޫ އަންހެނުންނަށް ހާއްސަ ގޮނޑި

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 13،112 މީހުންނަށް ލިބިފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ހެނދުނު 11:00 އާ ހަމައަށް ވޯޓުލީ 1،047 މީހުންނެވެ.

ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.