ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވާ ގޮނޑިތަކަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތައް މަދުނުކޮށް، ދާންވީ އީ-ވޯޓިން ސިސްޓަމަކަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ބައި-އިލެކްޝަންތައް ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި މައުރޫފް ވަނީ ހަރަދުކުޑަ ކުރުމުގެ ނަމުގައި ބަައި-އިލެކްޝަންތައް މަދުކުރުމުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، އީ-ވޯޓިންއަށް ދިޔުމަކީ ރަނގަޅު ގޮތެއް ކަމަށް ފާހަގަކުރައްވާފަ އެވެ.
މައުރޫފް ވިދާޅުވީ މިއަދުގެ ޒުވާނުން ނުވަތަ "ޖެންޒީ" އެއްގޮތަކަށް ވެސް ވޯޓު ލުމަށް ޝައުގުވެރިކަން ނުހުންނަ ކަމަށާއި ބައި-އިލެކްޝަންތައް ނުބޭއްވުމަކީ ހައްލެއް ނޫން ކަމަށެވެ.
"ހަރަދު ބޮޑުވެގެން އިންތިހާބުތައް ނުބޭއްވުމަކީ 21 ވަނަ ގަރުނުގައި ބަލައިގަންނަ ކަމެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ތުހުމަތުކުރެއްވި ގޮތުގައި މި ސަރުކާރުން މަސައްކަތް ކުރަނީ އެމްޑީޕީ ސަރުކާރުން ފުރިހަމަކުރި ލަމަރުކަޒީ ނިޒާމު ފުނޑާލުމަށެވެ. މިނިވަން މުއައްސަސާތަކުގައި ތިބި މީހުން ނާގާބިލްވުމަކީ ޑިމޮކްރެޓިކް ޕްރޮސެސްއަށް އަމަލު ކުރަން ނުޖެހޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަންޖެހެ އެވެ. މި އެންގުން އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށްވެސް ގާނޫނުގައި މިހާރު އޮވެ އެވެ.
އެކަމަކު މިހާރު އިސްލާހު ހުށަހަޅާފައިވަނީ ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލް މެންބަރެއްގެ މަގާމު ހުސްވެ، އެކަން އެލްޖީއޭ އިން އީސީއަށް އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންޖެހޭ ގޮތަށެވެ.
ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.