އިލެކްޝަންސް ކޮމިޝަނުން މި މަހު ބާއްވަން ނިންމި ތިން ބައި-އިލެކްޝަނެއްގެ ތާރީހު ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެއްސި ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް އިއުލާނު ކުރެވުނު މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމުގެ ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ މޭ ހަތަރު ވަނަ ދުވަހު ކަމަށެވެ.
މި އިންތިހާބުތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.
ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގަ އެވެ.
މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މޭ ހަ ވަނަ ދުވަހު އެވެ.
އިންތިހާބު ފަސްކުރީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއުކުރުމުން ނެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އެ އިސްލާހުގައިވާ ގޮތުން ރޯދަ މަހަކަށް އެއްވެސް އިންތިހާބެއް ދިމާވެއްޖެނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުންނެވެ.