ޠާރިގު އިބްރާހީމް

ތިން އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް ކަރަންޓް މީޓަރު ހަރުކުރަނީ

ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް ކަރަންޓް މީޓަރު ހަރުކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓް މީޓަރުތައް ޑިޖިޓަލް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ އިން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށުގައި މި މަޝްރޫއު ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށެވެ.

ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ބޭނުންކުރަން ފެށުމުން ކަރަންޓް އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތައް އެނގޭނެ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

"އެ ގޭބިސީއެއްގައި އެ ދުވަހަކު ކަރަންޓް ބޭނުންކުރެވޭ މިންވަރު އެނގިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން ކަރަންޓް ލީކެއް އުޅޭނަމަ އޭގެ ސަބަބުވެސް އެނގިގެންދާނެ ކަމަށާއި މިއީ ހަކަތަ އިގުތިސާދު ކުރުމަށް އެޅިގެންދާ ފިޔަވަޅެއްކަން މިނިސްޓަރު ތޯރިގު ފާހަގަކުރެއްވި އެވެ.

ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު ބެލުމަށްފަހު "ޓައިމް އޮފް ޔޫސް ޓެރިފް" ތައާރަފު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.