ސްޓެލްކޯ

އަންނަ މަހު ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރަނީ

ސްޓެލްކޯ އިން ހިދުމަތް ދޭ ގޭގޭގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ ސްމާޓް ގްރިޑުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިންމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

ގޭބިސީތަކުގައި ކަރަންޓް ބިލް ބޮޑުވާ ކަމަށް ބުނާ މައްސަލައަށް ސްމާޓް މީޓަރާ އެކު ސްމާޓް ގްރިޑް ބޭނުންކުރަނ ފެށުމުން އެ މައްސަލަ ޖުމްލަ ހައްލެއް ލިބޭނެ ކަމަށެވެ.

"ޖުމްލަ ހައްލު ލިބެނީ ދޭތި އެއްކޮށް ހަރުކުރުމުން،" ފަހްމީ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް ކަރަންޓް މީޓަރު ހަރުކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވެސް ވަނީ ވިދާޅުވެފަ އެވެ.

ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކައިން ސްމާޓް މީޓަރު ހަރުކުރަން ފެށިތާ އަހަރުތަކެއް ވެއްޖެ އެވެ.