އާމިނަތު ޝައުނާ

ސަބްސިޑީގެ ހަރަދު ކުޑަވާ ގޮތަށް ހަކަތައިގެ ސިޔާސަތު ބައްޓަންކުރަންޖެހޭ: ޝައުނާ

Feb 27, 2022
1

ސަރުކާރުގެ ސިޔާސަތަކީ ދައުލަތުން ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކުރެވޭ ގޮތަށް ހަކަތައިގެ ސިޔާސަތު ބައްޓަން ކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ސްޓެލްކޯގެ މެނޭޖަރުންނަށް ބާއްވާ "ޕަވާ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް" މިއަދު އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޝައުނާ ވިދާޅުވީ ހަކަތަ އިގްތިސޯދު ކުރަން އަބަދާ އަބަދު ރައްޔިތުންނަށް ހަނދާންކޮށްދީގެން ނަމަވެސް ހަކަތައަށް ކުރާ ހޭދަ ކުޑަކުރަން ޖެހޭ ކަމަށެވެ. މާލެ ސަރަހައްދަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން ކުރި މަސައްކަތްތަކަށްފަހު ހަމަޖެހިލެވުނީ ދާދި އިހަށް ދުވަހު ކަމަށާއި އެކަމަކު މާލެ ސަރަހައްދުގައި ހަކަތަ ބޭނުންކުރާ ވަރު އިތުރުވާ ނިސްބަތް ހުރި ގޮތުން ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށްޓަކައި ގިނަވެގެން ދެ އަހަރުގެ ތެރޭގައި ހަމައެކަނި މާލެ އަށް ސްޓެލްކޯ އިން އަނެއްކާ ވެސް އިންވެސްޓް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެބަދަލު އަތޮޅު ތެރެއިން ވެސް ފެންނާނެ ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔުޓިލިޓީ ހިދުމަތްތަކަށް ހަރަދު ކުރާ ގޮތަށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކުރަން ވެސް ހަރަދުކުރަންޖެހޭ ކަމަށެވެ. އަދި އެ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީންކޮށް ޒަމާނީ ވަސީލަތްތައް ހޯދައި ގާއިމުކުރަންޖެހޭ ކަމަށެވެ. އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްގީ ކުރުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކަމާ ގުޅޭ ކުންފުނިތަކުން ފަށަންޖެހޭ ކަމަށެވެ. އޭރުން ކޮންމެވެސް ގޮތަކުން އަމާޒަށް ވާސިލްވެވޭނެ ކަމަށާއި ސަރުކާރުން އެ މަސައްކަތުގައި އިންވެސްޓްކޮށް އެހީތެރިވެދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ އެތައް ގޮތެއް ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން ފެނަކައާއި ގުޅިގެން ރަށްރަށުގައި އަމިއްލަ މީހުންގެ އިމާރާތްތަކުގެ ފުރާޅުތަކުގައި ސޯލާ ހަރުކޮށް އިރުގެ އަލިން ކަރަންޓް އުފައްދައިގެން ހަކަތަ އިގްތިސޯދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ތަނުގައި ސްޓެލްކޯއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އަޅުގަނޑުމެންނަށް އެބަ އިރުގެ އަލި އެބަ ލިބޭ. އިރުގެ އަލިން ހަކަތަ އުފެއްދޭ މިންވަރާއި ހަކަތަ އުފެއްދޭ އަގު މިއަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ހަރަދު ކުޑަވަމުން. އަދި ޓެކްނޮލޮޖީ އަޅުގަނޑުމެންނާ ހަމައަށް މިއަދު މިވަނީ އުފެދި ތަރައްގީވެ އަޅުގަނޑުމެންނާ ހަމައަށް މިވަނީ ވާސިލްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިރާއްޖެ އަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަކީ މިސަރުކާރުން ކަނޑައަޅާފައިވާ ވަރަށް މުހިއްމު އަމާޒެކެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށްޓަކައި ސްޓެލްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ އެހީތެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. ސްޓެލްކޯ އަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކުގެ ތެރެއިން ފަންނީ ގޮތުން އެންމެ ގާބިލް ކުންފުނިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މުސްތަގުބަލްގައި ސްޓެލްކޯ ބަދަލުވާންވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައާއި ގުޅޭ ހިދުމަތްދެ ކުންފުންޏަކަށް ކަމަށެވެ.

ޝައުނާ ވިދާޅުވީ ހަކަތަ އިގްތިސޯދު ކުރެވޭނެ އުފެއްދުންތަކާއި އެކަމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ އެކި އަގުތަކުގައި މިއަދު ލިބެންހުރުމުން އެ ތަކެތި ބޭނުންކޮށްގެން ހަކަތަ އިގްތިސޯދު ކުރަންޖެހޭ ކަމަށެވެ. ކަރަންޓާއި ހަކަތައަށް އޮތް ޑިމާންޑް ބޮޑުވުމުން ދައުލަތުން ތެލަށް ކުރާ ހަރަދުވެސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ. ދައުލަތުން ތެޔޮ އިމްޕޯޓް ކުރުމަށް އަހަރަކު 400 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށާއި އެހާ ބޮޑު ހަރަދެއް ކުރަންޖެހޭއިރު ކަރަންޓާއި ހަކަތަ އިގްތިސޯދު ކޮށްގެން އެ ހަރަދު ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ހަކަތަ އިގްތިސޯދު ކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން "ހަކަތެރި" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު އެ ޕްރޮގްރާމަށް ރައްޔިތުންގެ އިތުބާރު ހޯދައި ހަކަތަ އިގްތިސޯދު ކުރުވަންޖެހޭ ކަމުގައި މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ. އިމާރާތްތަކުގައި ބޭނުންކުރާ ދޮންނަ މެޝިނާއި، ފްރިޖާއި، އޭސީ އަށް އެކަނި އަމާޒުކޮށްގެން ހަކަތަ އިގްތިސޯދު ކުރި ނަމަވެސް 2023 ވަނަ އަހަރު އަންނައިރު ހަކަތަ އަށް އޮތް ޑިމާންޑް 10 މެގަވޮޓަށް ދަށްކުރެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުގެ މިދާއިރާގެ ވަޒީރެއްގެ ހައިސިއްޔަތުން އަދި ފިނޭންސް މިނިސްޓްރީއާ އެކު ކުރާ މަސައްކަތުން އަޅުގަނޑުމެން ކަންބޮޑުވޭ ކަރަންޓަށް އަޅުގަނޑުމެން ބަރޯސާވާ މިންވަރު އިތުރުވަމުންދާތީ. އެއާ އެކީގައި އަޅުގަނޑުމެން ސަބްސިޑީ ދޭންޖެހޭ މިންވަރުވެސް އެތައް ގުނައަކަށް އެބައިތުރުވޭ. އެ ސަބްސިޑީ އަކީ ހަގީގަތުގައި މިދެންނެވިހެން ރައްޔިތުންގެ ތަރައްގީއަށް ހޭދަކުރެވޭނެ ފައިސާ." ޝައުނާ ވިދާޅުވި އެވެ.