އުރީދޫ

އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް -- އުރީދޫ މަސްރޭސްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ މަސް ރޭސް މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް އޮތް އޮގަސްޓް މަހު އެވެ.

މިއަހަރުގެ މުބާރާތް ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށް އުރީދޫ މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

އުރީދޫ އިން ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް މާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހަތަރު ސިޓީގައި ތިބި ޝައުގުވެރިވާ ފަރާތްތަކުން އުރީދޯ މަސް ރޭސް ޕޯޓަލް މެދުވެރިކޮށް ޓީމުތައް ރަޖިސްޓްރީ ކުރަންވެސް އުރީދޫ އިން ވަނީ ހަނދާންކޮށްދީފަ އެވެ.

އުރީދޫ އިން ބުނީ ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ކޮންމެ ބައިވެރިއަކަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ.

މަސްރޭސް ކިޓުގައި ހިމެނެނީ މަސްރޭސް ކޯރި އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންޖެހެ އެވެ.

މި މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެެވެ. މީގެތެރެއިން ކޮންމެ ސިޓީއަކުން ތިރީގައިވާ ގޮތަށް ފައިސާގެ އިނާމު ލިބިގެންދާނެ އެވެ.

  • އެއްވަނަ ޓީމު: 25،000 ރުފިޔާ
  • ދެވަނަ ޓީމް: 10،000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު ފިޝަވުމަން: 1000 ރުފިޔާ

އުރީދޫ މޯލްޑިވްސްގެ މަސް ރޭސް މާލޭގައި ފަށާނީ އޮގަސްޓް ހަތަރުވަނަ ދުވަހު އެވެ. ކުޅުދުއްފުށީގައި އޮގަސްޓް 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 25 ވަނަ ދުވަހު އެވެ. އަދި އައްޑޫގައި ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 18 ވަނަ ދުވަހު އެވެ.