ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެކުނު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

Mar 28, 2022

ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ސިޓީގެ ތަރައްގީއަށް ކުރިޔަށް ރޭވިފައި ހުރި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫއުތަކެއްގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި މި ދެ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްގީ ކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މި ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީ ކުރެވިފައިވާ ފެސިލިޓީއެކެވެ. އަދި މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތަނަކީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެ ކަމުގަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފަ އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމް އިމާރާތް ރަސްމީ ގޮތުން އިފްތިތާހް ކޮށްދެއްވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ވަނީ މި ދެ ސިޓީގައި ކުރިޔަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާފަ އެވެ.