ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އައްޑޫ ސިޓީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.
ރައީސްގެ ދެކަނބަލުންނަަށް އައްޑޫ ސިޓީން މަރުހަބާ ވިދާޅުވީ މޭޔަރު އަލީ ނިޒާރާއި އައްޑޫ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނެވެ.
ރައީސް ސޯލިހް މިއަދު އައްޑޫއަަށް ވަޑައިގެންފައިވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ފަހު އެވެ.
ރައީސްގެ އައްޑޫ ދަތުރުފުޅުގައި ބައެއް މުހިއްމު ކަންކަން ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
އެ ގޮތުން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމާއި ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި އައްޑޫސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ.
އަދި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވުމާއި ހިތަދޫ މަސްޖިދް އިބްރާހީމްވެސް ހުޅުވައިދެއްވާނެ އެވެ. މީގެ އިތުރުން މަރަދޫ އާއި މީދޫގެ ބަނދަރުވެސް ރައީސް ސޯލިހް ހުޅުވައިދެއްވާނެ އެވެ.
ރައީސްގެ އައްޑޫ ދަތުރުފުޅާ ގުޅުވައިގެން އައްޑޫގެ ބައެއް ރައްޔިތުން ގެންދަނީ އެ ސިޓީގެ ރަށްތައް ގުޅާލުމަށް ބްރިޖު އަޅައިދިނުމަށް ރައީސް އަށް ދެންނެވުމުގެ ގޮތުން ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގަމުންނެވެ.
ރައީސް ސޯލިހް ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.