ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކުނު ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ފައްޓަަވައިފި އެވެ.

އެމަނިކުފާނު ވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރީން ވީއައިއޭން ފުރާވަޑައިގެންފައެވެ. ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ވަޑައިގެންނެވިއެވެ.

ރައީސްގެ ދެކުނު ދަތުރުފުޅު ފެއްޓެވުމަށް ހަމަޖައްސާފައިވަނީ ފުވައްމުލަކުންނެވެ. ރައީސް ފުވައްމުލަކަށް ވަޑައިގެން ކުރައްވާނެ ވަކި ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ރަށުގެ ރައްޔިތުންނާއެކު ހާއްސަ މާހެފުމެއްގައި ރައީސްގެ ދެކަނބަލުން އަދި ނާއިބު ރައީސް ފައިސަލް ނަސީމް މިރޭ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފުވައްމުލަކަށް ފަހު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ރައީސް ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.

ރައީސްގެ އައްޑޫ ދަތުރުފުޅުގައި ބައެއް މުހިއްމު ކަންކަން ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

އެ ގޮތުން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމާއި ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި އައްޑޫސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ.

އަދި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވުމާއި ހިތަދޫ މަސްޖިދް އިބްރާހީމްވެސް ހުޅުވައިދެއްވާނެ އެވެ. މީގެ އިތުރުން މަރަދޫ އާއި މީދޫގެ ބަނދަރުވެސް ރައީސް ސޯލިހް ހުޅުވައިދެއްވާނެ އެވެ.

ރައީސްގެ އައްޑޫ ދަތުރުފުޅާ ގުޅުވައިގެން އައްޑޫގެ ބައެއް ރައްޔިތުން ގެންދަނީ އެ ސިޓީގެ ރަށްތައް ގުޅާލުމަށް ބްރިޖު އަޅައިދިނުމަށް ރައީސް އަށް ދެންނެވުމުގެ ގޮތުން ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގަމުންނެވެ.

ރައީސް ސޯލިހް ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.