ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކުނު ދަތުރުފުޅު މާދަމާ ފުވައްމުލަކުން ފައްޓަވަނީ

Mar 24, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްގެ ދެކުނު ދަތުރުފުޅު ފެއްޓެވުމަށް ހަމަޖައްސާފައިވަނީ ފުވައްމުލަކުންނެވެ. ރައީސް ފުވައްމުލަކަށް ވަޑައިގެން ކުރައްވާނެ ވަކި ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ.

ފުވައްމުލަކަށް ފަހު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ރައީސް ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.

ރައީސްގެ އައްޑޫ ދަތުރުފުޅުގައި ބައެއް މުހިއްމު ކަންކަން ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

އައްޑޫގައި ރައީސް ކުރައްވާނެ ކަންކަން:

  • ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން
  • ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން
  • އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
  • ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވުން
  • ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވުން
  • މަރަދޫ ބަނދަރު ހުޅުވައިދެއްވުން
  • މީދޫ ބަނދަރު ހުޅުވައިދެއްވުން

ރައީސްގެ އައްޑޫ ދަތުރުފުޅާ ގުޅުވައިގެން އައްޑޫގެ ބައެއް ރައްޔިތުން ގެންދަނީ އެ ސިޓީގެ ރަށްތައް ގުޅާލުމަށް ބްރިޖު އަޅައިދިނުމަށް ރައީސް އަށް ދެންނެވުމުގެ ގޮތުން ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގަމުންނެވެ.

ރައީސް ސޯލިހް ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.