މާލެއާ ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖް މެދުވެރިކޮށް ގުޅާލުމަށް ޗައިނާ ހާބާ އެންޖިނޭރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެމްޑަބްލިޔުއެސްސީ އިން މިއަދު ހަވާލުކޮށްފި އެވެ.
މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ. ސީއެޗްއީސީގެ ފަރާތުން އެތަނުގެ އެގްޒެކެޓިވް ޖެނަރަލް މެނޭޖަރު ޒެން ނަން ހައި އެވެ.
1.6 މިލިއަން ޑޮލަރަށް ޗީއެޗްއީސީއާ ކުރުމަށް ހަވާލުކުރި މި މަސައްކަތުގެ ދަށުން މާލެއާ ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅައިލެވޭނެ އެވެ. އޭރުން ބޭނުންވާ ވަގުތެއްގައި ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ދަތިކަމެއް ނެތި ފެން ފޯރުކޮށްދެވޭނެ އެވެ.
މި މަޝްރޫއާ ބެހޭގޮތުން އެމްޑީ ފަޒުލް މިއަދު ވިދާޅުވީ މި ފަށައިގަންނަ މަސައްކަތާއެކު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބަލްކް ސްޓޯރޭޖް އެންޑް ޕްރޮޑަކްޝަން، ސެންޓަރަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އޭގެ ސަބަބުން މާލެއާއި ހުޅުމާލެއަށް ބޭނުންވާ ފެން ކޮންމެ ވަގުތެއްގައިވެސް ބްރިޖް މެދުވެރިކޮށް ޕަމްޕް ކުރެވޭނެ ކަމަށާއި ފެނުގެ ސެކިއުރިޓީ މާލެއާއި ހުޅުމާލެއަށް އޭރުން ކަށަވަރުވެގެންދާނެ ކަމަށެވެ.
ފަޒުލް ވިދާޅުވި ގޮތުގައި މާލެ ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާއިލުމަށް ދެން މާގިނަ ދުވަސްތަކެއް ނުނަގާނެ އެވެ. އެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްތައް މިހާރު ހުރީ މާލެއަށް ގެނެސްފަ އެވެ. އެހެންކަމުން ބްރިޖްގެ ތަނބުތައް ގުޅައިލުމާއެކު ޕައިޕްލައިންގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މާލެ ހުޅުމާލެ ފެނުގެ ނިޒާމް ބްރިޖް މެދުވެރިކޮށް ގުޅުމުގެ މަސައްކަތް ޕްލޭންކޮށްފައިވާއިރު ބްރިޖްގެ މައި ތިން ބައި ގުޅައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ބްރިޖް މުޅިން ނިމޭނެ ކަމަށެވެ.