ސިނަ މާލެ ބްރިޖް

ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ބްރިޖަށް ފަސް އަހަރު

ރާއްޖޭގެ ތާރީހުގައިވެސް ކަނޑު ހުރަސްކޮށް އެޅި ފުރަތަމަ ބްރިޖަކީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" -- ސިނަމާލެ ބްރިޖެވެ. ދިގުމިނުގައި ދެ ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ނިންމިފައިވާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

ބްރިޖު ހުޅުވިތާ މިއަދަށް ފަސް އަހަރުވެފައިވާއިރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން މިކަން ފާހަގަކުރެއްވީ ރާއްޖެ އާއި ޗައިނާ ގުޅުވާލި ބްރިޖެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ދިވެހިންނަށް އޮތް އުއްމީދާއި ތަނަވަސްކަމާއި އުފާވެރިކަމެއްގެ ގޮތުގަ އެވެ.

ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިޔައިރު ދިވެހި ސަރުކާރުގެ ތެރެއިން އެ މަޝްރޫއާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިމުނާސަބަތާ ގުޅިގެން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ބްރިޖަކީ ޗައިނާ އާއި ރާއްޖެގެ އެކުވެރިކަމުގެ ރަމްޒެއް ކަމަށެވެ.

ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަޝިޕް ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ސިފަކުރެއްވި ގޮތުގައި ބްރިޖަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ބްރިޖެއް ނޫނެވެ. މިއީ މުޅި ގައުމަށް އުއްމީދާއި ތަނަވަސްކަން ގެނެސްދޭނެ ބްރިޖެކެވެ.

ބްރިޖަށް ފަސް އަހަރު ފުރުމާ ގުޅިގެން އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި ބްރިޖު މަޝްރޫއުގެ ކޮމިޓީގައިވެސް ހިމެނިވަޑައިގެންނެވި މުހައްމަދު ސައީދު ވިދާޅުވީ ބްރިޖުގެ މަސައްކަތްތައް ހިނގާ ގޮތް އޭރުގެ ރައީސް އަބްދުﷲ ޔާމީން ކޮންމެ ދުވަހަކުވެސް ބައްލަވަމުން ގެންދެވި ކަމަށެވެ. އަދި ސުންގަޑިއަށް މަސައްކަތް ނިންމުމަށް އެމަނިކުފާނު އިރުޝާދު ދެއްވަމުން ގެންދެވި ކަމަށެވެ.

މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ. މި ފައިސާގެ ތެރެއިން 113 މިލިއަން ޑޮލަރު ނުވަތަ މަޝްރޫއުގެ 57 ޕަސެންޓް ފައިސާ ދިނީ ޗައިނާ ސަރުކާރުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގަ އެވެ. އަދި 67 މިލިއަން ޑޮލަރަކީ ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 15 އަހަރުން ދައްކަން ޗައިނާއިން ދިން ލޯނެކެވެ.

ބްރިޖުގެ މި މަސައްކަތުގައި ޗައިނާގެ 2000 އަށް ވުރެ ގިނަ މީހުން 24 ގަޑިއިރު މެދުކެނޑުމެެއް ނެތި މަސައްކަތް ކުރިއިރު މި މަސައްކަތްވީ ޗައިނާގެ ޓީމަށް ވެސް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި ބޮޑު މަސައްކަތަކަށެވެ. ބްރިޖު އަޅަން 153،000 ކިއުބިކް މީޓަރުގެ ކޮންކްރީޓް ބޭނުން ކުރި އެވެ. އަދި 82،000 މެޓްރިކް ޓަނުގެ ސްޓީލް ބޭނުން ކުރިއިރު ބްރިޖު ސައިޓުގައި 2000 މީހުން މަސައްކަތް ކުރި އެވެ. މީގެއިތުރުން ޗައިނާގައި ތިބެގެން 100 އަށްވުރެ ގިނަ މަސައްކަތް ކުރަމުން ދިޔަ އެވެ.