ޗައިނާގެ ޔުއާން އިން ގަންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މިއަދު ލ. މާވަށަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ ރާއްޖެއިން އަހަރަކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އިންޑިއާ އާއި އެކު ކުރަމުންދާއިރު ޗައިނާއާ އެކު އަހަރަކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިކުރަމުންދާ ކަމަށެވެ. އެހެންކަމުން ދިވެހި ވިޔަފާރިވެރިން ރާއްޖެއަށް މުދާ އެތެރެކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޗައިނާގެ ޔުއާން އިން ގަންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
ސައީދު ވިދާޅުވީ މިކަމާ ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމުމަށްޓަކައި ޗައިނާގެ ރައީސްގެ އެޑްވައިޒަރަކާ އެކު ޗައިނާގެ ސެންޓްރަލް ބޭންކް ގަވަރުނަރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އަދި އެ ދައުވަތުގެ ޖަވާބު ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލް ސައީދު ހިއްސާކުރައްވާފައެއް ނުވެ އެވެ.
"އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަނަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ނަމަވެސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ އިގްތިސާދީ ގޮތުން ހުޅުވާލެވިފައިވާ ގައުމަކަށް ވާތީ ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ފަސޭހަވާނެހެން ސިޔާސަތުތައް ބައްޓަން ކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ އެކު މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް، ރަސްމީ ރޭޓަށް ބަދަލުކޮށް ރަސްމީ ރޭޓަށް ވުރެވެސް ޑޮލަރުގެ އަގު ހެޔޮކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ހުރިހާ އީވޮލެޓެއްގެ އެޖެންޓުން ރާއްޖެ ގެނައުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އަލިޕޭ އަދި ވީޗެޓާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރާއްޖެގެ އިގްތިސާދު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ބޭނުންވާނެ ކަމަށެވެ.