ޑރ. މުހައްމަދު މުއިއްޒު

ޗައިނާގެ އާ އަހަރާއިއެކު ގުޅުން ވަރުގަދަވާނެ: ރައީސް

ޗައިނާގެ އާ އަހަރާއެކު ރާއްޖެ-ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އާ އަހަރާ ދިމާކޮށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ އެކުވެރި ބަދަހި ގުޅުމެއްކަން ފާހަގަކުރައްވާފަ އެވެ.

މި ގުޅުން ބިނާވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި ދެ ގައުމު ބޭނުންވާ ކަންކަމުގެ މައްޗަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގެ އާ އަހަރާއެކު ދެ ގައުމުގެ ގުޅުންތައް ބަދަހިވެ، ދެ ގައުމަށްވެސް ފައިދާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވަނީ މި އަހަރަކީ ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ލިބިގެންދާނެ އަހަރެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.