ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

މުހިއްމު މަޝްވަރާތަކަކަށްފަހު ސުން ހައިޔާން ފުރާވަޑައިގެންފި

ވައިސް މިނިސްޓާ އޮފް ދި އިންޓަނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ -- ސުން ހައިޔާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.

އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިއްޔެ އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އެވެ.

ސުން ހައިޔާން ރާއްޖެއަށް ވަޑައިގަތީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެކަމަނާގެ މިދަތުރުފުޅުގައި މިމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ އޮފީހުގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ސޮއިކުރެއްވި އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ސުން ހައިޔާން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަޝިޕްގެ ދަށުން ޗައިނާގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ރާއްޖެއަށް ތަމްރީނުގެ ފުރުސަތުތައް ދިނުމަށާއި، ދެ ގައުމުގެ އިސްތިރާޖީ ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރެއްވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ޗައިނާ އިން ވަނީ ރާއްޖެއާއި ވަރަށް ބޮޑަށް ގުޅުން ގާއިމުކޮށް ރައީސް މުއިއްޒުގެ ބޮޑެތި މަޝްރޫއުތަކަށް ހިލޭ އެހީއާއި ލޯނާއި އަދި ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭން ފަށާފަ އެވެ.