ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ސުން ހައިޔާން، ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި

ވައިސް މިނިސްޓާ އޮފް ދި އިންޓަނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ -- ސުން ހައިޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ސޮއިކުރެއްވި އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ސުން ހައިޔާން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަޝިޕްގެ ދަށުން ޗައިނާގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ރާއްޖެއަށް ތަމްރީނުގެ ފުރުސަތުތައް ދިނުމަށާއި، ދެ ގައުމުގެ އިސްތިރާޖީ ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޗައިނާއިން ފަހިކޮށްދޭ ތަމްރީނުގެ ފުރުސަތުތަކާއި ދެމުންގެންދާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޒުކުރެވިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދާދި ފަހުން ރާއްޖެއާއި ޗައިނާއާ ދެމެދު ކާމިޔާބުކަމާއެކު ސީދާ ވައިގެ ދަތުރުތައް ފަށާފައިވާތީ އެކަމާ ގުޅޭ ގޮތުންނާއި، ރާއްޖެއާއި ޗައިނާއާއި ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީތަކަށް ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން ޗައިނާއާއި ރާއްޖޭގެ އެއް ސިޓީ އަނެއް ސިޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް މުއިއްޒާއި ސުން ހައިޔާންގެ ވާހަކަފުޅު ނިންމަވައިލެއްވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުންތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވަމުންނެވެ.