ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް މިއަދު ވަޑައިގެންފި އެވެ.

ޗައިނާގެ ވެރިރަށުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނެވެ.

ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި އަދި ރައީސްގެ ބައެއް އެޑްވައިޒަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެވަޑައިގެން ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގްތިސާދީ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ރައީސް މުއިއްޒު ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.