ސިނަމާލެ ބުރިޖު ރަމްޒުކޮށްދެނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ސީސީސީސީ ކުންފުނިން ހަދާފައިވާ ސިނަމާލެ ބްރިޖު ހުޅުވީ މީގެ ހަ އަހަރު ކުރިން އޮގަސްޓް 30، 2018 ގައެވެ.
ސިނަމާލެ ބްރިޖު ހުޅުވީ ބްރިޖު ހުޅުވަން ހަމަޖައްސާފައި އޮތް ތާރީހުގެ 25 ދުވަސް ކުރިންނެވެ.
ސިނަމާލެ ބްރިޖު ހުޅުވި ދުވަހާ ގުޅުވައިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިނަމާލެ ބުރިޖު ރަމްޒުކޮށްދެނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ކަމަށާއި އެއީ ތަރައްގީގައިވެސް ދެ ގައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއް ކަމަށެވެ.
"މި ބްރިޖަކީ އަންނަ އޮތް ޖީލުތަކަށްވެސް ދެ ގައުމުގެ ގުޅުން ދައްކައިދޭނެ އަލިގަދަ ރަމްޒެއް،" ރައީސް ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެ ގުޅައިދިން ސިނަމާލެ ބްރިޖަކީ ދިގުމިނުގައި 1.3 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ ބްރިޖެކެވެ.