ޗައިނާއާއެކު ރާއްޖޭން ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވަގުތުން ތަންފީޒު ކުރުމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
ސައީދު މިކަމަށް ގޮވާލެއްވީ މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ގިނަ މަޝްވަރާތަކަށް ފަހު އެއްބަސްވުމެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެކަމަށް ވަނީ މަޖިލީހުން ރުހުން ދީފައެވެ.
އޭގެ ފަހުން 2017 ވަަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ރާއްޖޭގެ އިސްވެރިންގެ ވަފުދެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއިކޮށްފަ އެވެ. ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ހަފްލާގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާން އެވެ.
ނަމަވެސް އެ އެއްބަސްވުމާމެދު މި ސަރުކާރުން އަދި ގޮތްތަކެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެފްޓީއޭ އެއްބަސްވުން މަރުވެފައިވާ ކަމަށް ވިދާޅުވެ އެއީ މިހާރު އޮތް އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ސައީދު ވަނީ މުޅި ދުނިޔެއާ ރާއްޖެއަށްވެސް މިވަގުތު ކުރިމަތިލާން ޖެހިފައިވާ އިގްތިސާދީ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފައެވެ. އަދި މި ހާލަތުން ރާއްޖެ އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ސައީދު ވާހަކަފުޅު ދެއްކެވިއެވެ.
ސައީދު ވިދާޅުވީ މިއީ ރާއްޖެއާ ޗައިނާ ދެމެދު ގާއިމްކުރެވުނު ފްރީ-ޓްރޭޑް އެގްރީމަންޓް ވަގުތުން ތަންފީޒު ކުރަންވީ ވަގުތެވެ. އެ އެއްބަސްވުމުގައި ރާއްޖެއަށް މާލި ފައިދާ އިންތިހާއަށް ލިބިގެންދާނެ ފުރުސަތުތައް އެބަހުރިކަން ފާހަގަކުރައްވާ ރާއްޖެއިން ކަނޑުމަހާ، ސީފުޑްގެ އިންޑަސްޓްރީ ވަރުގަދަ ކުރުމަށް މެންބަރު ސައީދު ގޮވާލެއްވިއެވެ.
"..އަޅުގަނޑު ފުރުސަތުގައި ގޮވާލަން ރާއްޖެއާ ޗައިނާ ދެމެދު ގާއިމްކުރެވުނު ފްރީ-ޓްރޭޑް އެގްރީމަންޓް ވަގުތުން ތަންފީޒު ކުރުމަށް. ސަބަބަކީ 6000 ކަސްޓަމް އައިޓަމް ޗައިނާގެ ޓެރިފް އައިޓަމްގައި އިންނައިރު ގާތްގަނޑަކަށް 300 ނުވަތަ 600 އެތައް އައިޓަމްއަކީ ސީފުޑް. ދިވެހިރާއްޖެއަކީ ނިސްބަތުން ދުނިޔޭގެ ސީފުޑްގެ ކެޕްޓަލްއަކަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތް. އިއްޒަތްތެރި ރައީސް.. ދުނިޔޭގެ ކޮންމެ ހިސާބަކުން ސީފްޑްގެ ބާވަތްތައް ނުވަތަ މަހުގެ ބާވަތްތައް ގެނެސް ދިވެހިރާއްޖޭގައި ކުޑަކުޑަ ޕަސެންޓެއް ވެލިއުއެޑްކޮށްގެން ޗައިނާއަށް ސުން ޕަސެންޓްގައި، ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް ސުންޕަސެންޓްގައި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައި." ސައީދު ވިދާޅުވިއެވެ.
ކުރީގެ މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ މިދިޔަ 40 އަހަރު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަންޖެހޭ ވަގުތަކީ މިއީ ކަމަށެވެ. ދުނިޔެ މި އޮތް ހާލަތުގައި ކުރިމަތިވާ މާލީ މައްސަލަތަކުން އަރައިގަތުމަށް މާލީ އިދާރާތަކަށް އެކަނި ބަރޯސާވުމަކީ ކުރިއަށް ދެވޭނެ ގޮތެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ޗައިނާއާއެކު ފްރީ-ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރުމަކީ މިއަދު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މިއީ އެެންމެން އެކައްޗެއް ކިޔައިގެން ނިމިދިޔަ ސަރުކާރުން ގެނައި ތަރައްގީއާއެކު ކުރިއަށްދާންވީ ވަގުތު ކަމަށެވެ.
އަދި ކޮވިޑް19 ގެ ވަބާއާއެކު ކުރިމަތިވަމުންދާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ދުނިޔެ ހުޅުވާދޭނީ އެހެން ސޮފްހާއެއްކަން ހުރިހާ ގައުމުތަކުންވެސް ގަބޫލުކުރާއިރު މިއީ ޗައިނާއެކު މިނިވަން ވިޔަފާރި ފެށުމަށް އެންމެ ރަނގަޅު ވަގުތުކަމުގައިވެސް ސައީދު ފާހަގަކުރެއްވިއެވެ.
ނިސްބަތުން ރާއްޖެ ކުޑަނަމަވެސް މިއީ ބޮޑު ކަނޑެއްގެ ވެރި ގައުމެއް ކަމަށާ އެހެން ކަމުން ދިވެހިރާއްޖެއަކީ ނިސްބަތުން ދުނިޔޭގެ ސީފުޑްގެ ކެޕްޓަލްއަކަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ އެއްބަސްވުމުގެ ތެރެއިން ކޮންސްޓްރެކްޝަން ދާއިރާއާ، މުދާ ގެނެސްގެން ރީ-އެކްޕޯޓް ކުރުމުގެ ދާއިރާއަށްވެސް އިތުރު ކުރިއެރުން ގެނެސްދީ، އެ ދާއިރާތަކުންވެސް އިގްތިސާދީ ބޮޑު ބާރަކަށް ހެދިދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ބައެއް މިސާލުތައްވެސް ސައީދު ވަނީ ހާމަކުރައްވާފައެވެ.