ހަބަރު

ޗައިނާ އެފްޓީއޭއަށް އޮތް ހުރަހަކީ ދެ ރައީސުންގެ ކޯޅުން

Oct 7, 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން އޮތް ހުރަހަކީ ބާރުތައް ހޯދުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި އޮތް ކޯޅުންކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފަ އެވެ.

މިއަދުގެ ޖަލްސާގައި އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އެ އެފްޓީއޭ އަށް އަމަލުކުރަން ފެށޭނީ އެކަމަށް ބޭނުންވާ ގާނޫނުތައް ވުޖޫދުކޮށްގެން ކަމަށާއި، އެކަން ކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، މަސްވެރިންނަށް އެ އެފްޓީއޭ އިން މާބޮޑު ފައިދާއެއް ނުކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރުގެ ޖަވާބަށް ބާރު ދެއްވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެފްޓީއޭގެ 165 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އެގްރީމަންޓަށް އަމަލުކުރަން ފެށޭނީ އެ އުފެއްދޭތާ 30 ދުވަހުގެ ތެރޭގައި ދެ ފަރާތުން އެތެރޭގެ ހުރި އެގްރީމެންޓުތަކާއި ގާނޫނުތައް ފަރުމާކޮށްފައި ދެ ފަރާތުން ބަދަލުކުރަންޖެހޭ ކަމަށެވެ.

"އެހެންވީމާ، ޗައިނާއާއެކު އެފްޓީއޭ އެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޗައިނާއާއެކު އެފްޓީއޭ އެއް ނެތް ކަން ފާހަގަކުރެއްވީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން، އެއަށް އަމަލުކުރަން ކުރަން ބޭނުންވާ ގާނޫނުތައް ނަހަދައި އޮތުމުން ކަމަށެވެ.

އަދި އެކަން ކުރުމަށް ކުރީގެ ސަރުކާރަށް ލިބިފައި އޮތް ފުރުސަތުގައި އެކަން ނުކޮށް އޮތް ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އެކަން ހަގީގަތުގައި ނުކޮށް އޮތީ ރައީސް ޔާމީން އެކަން ކުރިއަށް ގެންދަން ބޭނުންފުޅުނުވާތީ. ރާއްޖޭގައި ވެރިކަން ކުރައްވާ ވެރިންނަކީ ހިކުމަތްތެރި ބައެއް. އެގޮތަށް އެއްބަސްވުންތަކާއި ބައެއް ކަންކަން މަތި މަތީގައި އެބަ ބާއްވަވައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ އެފްޓީއޭ ވެސް އަދި ރާއްޖޭގެ މިނިވަންކަމަށްވެސް ބިރުހީވެފައިވަނީ "ޕަވާ ސްޓްރަގަލް" ގެ ސަބަބުން ކަމަށެވެ.

"... އަދި އެކަމަށް ވާގިވެރިވާ ބޭރުގެ ގައުމަކުން ނަގާނެ ފަޅިއެއް ޔަގީން ނުވާތީ،" ސައީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.

އެ އެއްބަސްވުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިބި އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. މި ސަރުކާރު އައި ފަހުން އެ އެއްބަސްވުން އުވާލަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. އެންމެ ގިނައިން އެ ވާހަކަ ވިދާޅުވަމުން ގެންދަވަނީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.