ރައީސް މުހައްމަދު ނަޝީދު

ރައީސުންނަށް ވަނަމުން މުހާތަބު ކުރުމަށް ނަޝީދު ހިތްވަރު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅު ފަރާތްތަކުން އެމަނިކުފާނަށް "ޗޯރު އިބުރޭ" ކިޔުމުން އެކަމާ ކަންބޮޑުވާނަމަ އެއީ ޑިމޮކްރަސީގައި ފަހަތަށް ފިޔަވަޅު އެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އީވާ ވަނީ ކުރީގެ ރައީސުންނަށް މުހާތަބުކޮށް އެކި ނަންނަން ބޭނުން ކުރިކަން ފާހަގަކުރައްވާ އެ ނަންނަމުން ގޮވުމަކީ ލިބޭ ހައްގެއް ކަމަށް ވިދާޅުވެފަ އެވެ.

އީވާގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވަނީ ރައީސުންނަށް ވަނަމުން މުހާތަބުކުރުމާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފަ އެވެ.

"މިއަދު ޗޯރު އިބުރޭ ކީމަ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ބޭއަދަބީ ނަންނަމުން ގޮވިކަން ފާހަގަކުރައްވާފަ އެވެ.

"ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާގޮނޑިރާޖާ، މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގައި އާއި އަދި އެހެން ތަންތަނުގައި އެކި ގޮތްގޮތަށް ކިޔާފައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސުންނަށް މުހާތަބުކޮށް އެކި ނަންނަމުން ގޮވާ މައްސަލަ މަޖިލީހުގައި ދެކެވުނީ ރައީސް ސޯލިހަށް ފާޑުކިޔައި ޗެނަލް 13 އިން ދެއްކި ލަވަތަކުގެ އަޑާއި މަންޒަރު ވަކި ގޮތެއް އަންގަންދެން ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ޗެނަލަށް އަންގާފައި ވަނިކޮށެވެ.

ބްރޯޑްކޮމް އިން ޗެނަލް 13 އަށް އިންޒާރު ދިން މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ނަމަވެސް ބަހުސް ކުރަން ފާސްނުވުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910