ޕޮލިޓިކްސް

ރިޕޯޓް ފޮރުވީ ކަމަށް ބުނެ ދައްކަނީ ހިޔާލީ ވާހަކަތަކެއް: އުޝާމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފޮރުއްވައިގެން އުޅުއްވާ ކަމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ދައްކަވަމުން ގެންދަވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ހަވާލު ކޮށްފައިވަނީ، މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ފައިސާ ދެއްވައިގެން އެ ރިޕޯޓް ބައްލަވައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ވިދާޅުވެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަމަށް އައްޔަން ކުރެއްވި އުޝާމް އެ މައްސަލައަށް ބަހުސް ކުރައްވަމުން ވިދާޅުވީ މަޖިލީހަށް ހުށަހެޅުމަކުން އައިސްފައިވަނީ "ހިޔާލީ ވާހަކަތަކެއް" ކަމަށެވެ. މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރުން ދައްކަވަމުން ގެންދަވާ ވާހަކައިން ވެސް އަޑު އިވެނީ އެފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ހިނގައިދިޔަ ގޮތް އުޝާމް ވިދާޅުވި އެވެ. ވިދާޅުވި ގޮތުގައި މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް މިިހާރު ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ފެންނަން ހުންނާނެ އެވެ. އެ މުއާމަލާތްތަކުގެ ލިއެކިއުންތަކަށް ހަވާލާ ދެމުން ވިދާޅުވީ، ކުންފުންޏާއެކު ސެޓަލްމެންޓަކަށް ދާން ޖެހުނީ އެ ކުންފުނިން އެއްބަސްވުން އުވާލަން ބޭނުން ވުމުން ކަމަށެވެ.

އެ ކުންފުންޏަކަށް ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަވާފައިވާ ވާހަކަ ވެސް އުޝާމް ދޮގު ކުރެއްވި އެވެ. އެ ކުންފުނިން އެއްބަސްވުން އުވާލާން ބޭނުންވާތީ، ކުންފުންޏާއެކު ސަރުކާރުން ވެފައިވާ ސެޓަލްމަންޓް އެއްބަސްވުމެއް ގާއިމުކޮށް އޭގެ ދަށުން ދައްކާފައި ވާނީ ވެސް 4.8 މިލިއަން ރުފިޔާ ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، އެ ފައިސާއަކީ ވެސް އޭގެ ކުރީގެ ސަރުކާރުން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާގެ އިންވޮއިސްތަކަށް ފައިސާ ލިބިފައި ނުވާތީ އެ ފައިސާ ހިމެނޭ ގޮތަށް ދައްކާފައިވާ ފައިސާ އެވެ. އެ މުއާމަލާތްތަކުގެ ފައިލްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާނެ ކަމަށެވެ.

"މި ހުރިހާ މުއާމަލާތެއްގެ ފައިލްތައް ހުންނާނެ. އަޅުގަނޑު ވެސް އެ ފައިލްތައް ދުށިން. 2013 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުގެ ބެލުމުގެ ދަށުން އެ ފައިލްތައް އޭސީސީއަށް ގެންގޮސްފައިވޭ. އޭސީސީއަކީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޮތް މުއައްސަސާއަށް ވާތީ." އުޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން ކުންފުނިން މައްސަލަ ބަލައި ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންތަކެއް ވެސް އޭސީސީއަށް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލައަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައްސަލަ ބަލަން އޭނާ ވެސް ބޭނުންވެވަޑައިގަންނަވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ދެން ވިދާޅުވީ ކުންފުނިން ފޮނުވާފައިވާ ކަމަށް އުޝާމް އިޝާރާތް ކުރެއްވި އިންވޮއިސްތަކަކީ މަސައްކަތުގެ ހަރަދު ކަމަށެވެ. ޕްރޮފެޝަން ފީއެއް ނޫން ކަމަށެވެ. ސަރުކާރާ އެއްބަސްވެފައިވާނީ ހަމައެކަނި މަސައްކަތަށް ދާނެ ހަރަދު ހަމަޖައްސައިދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އުޝާމް ފާހަގަ ކުރެއްވި ޕްރެޒެންޓޭޝަންތަކުގެ ކޮޕީ ވެސް މަޖިލީހުގެ އިދާރާއަށް މިހާރު ލިބިފައިވާ ކަމަށް ރައީސް ނަޝީދު ފަހުން ވިދާޅުވި އެވެ. އެއީ އުޝާމް ވާހަކަ ދެއްކެވުމަށްފަހު، އެ މައްސަލައަށް ބައެއް އެހެން މެންބަރުން ވެސް ބަހުސް ކުރެއްވި ފަހުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ވާހަކަ އެވެ.

ރައީސް ވަހީދާ ގުޅޭ ކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މި ވަނީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރަކަށް އެމަނިކުފާނު އައްޔަން ކުރިތާ ދުވަހެއް ފަހުންނެވެ.

އެސްޓީއޯ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތް ހިންގިއިރު އެ ކުންފުނީގެ ޗެއާމަންގެ ގޮތުގައި ހުންނެވީ އިދިކޮޅު ކޯލިޝަން ލީޑް ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ މަނީ ލޯންޑަރިންގެ މައްސަލާގައި ހުކުމް ތަންފީޒު ކުރައްވަން ޖަލުގަ އެވެ