ޕޮލިޓިކްސް

ތެޔޮ ރިޕޯޓް ބަލައިގަތް އެއްބަސްވުން ހޯދަން ކޮމިޓީން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓް ދައުލަތަށް ބަލައިގަންނަން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

އެސްޓީއޯގެ ޗެއާމަންކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވިއިރު އެ ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި، ބޭރުގެ އެކައުންޓިން ފާމްއެއްކަމަށްވާ ގްރާންޓް ތޯޓަންއާ ހަވާލުކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި އެ ރިޕޯޓްވޭތޯ ބެލުމަށާއި ރިޕޯޓް ހޯދުމަށް މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލަ ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވީ އެ ކުންފުންޏަށް ހަވާލު ކުރި މަސައްކަތް ނިންމާލައި، ދައުލަތުން ފައިސާ ހޭދަކޮށްގެން ރިޕޯޓް ބަލައިގަންނަން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކޮމިޓީއަށް ހޯދުމަށެވެ.

މީގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވީ އެ ކުންފުނިން އެކުލަވާލާފައިވާ ރިޕޯޓްގެ ފައިލްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އޮތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާތީ އެ ރިޕޯޓްގެ ކޮޕީއެއް ހޯދުމަށެވެ. އެ މައްސަލާގައި އޭސީސީން ކުރި ތަހުގީގުގެ ލިއެކިއުންތައް ހޯދަން ވެސް ހުށަހެޅުއްވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ މެންބަރު ސިރާޖާއި މެންބަރު ހަސަން ލަތީފްގެ ހުށަހެޅުއްވުމާ އެއް ގޮތަށް، ރިޕޯޓް ބަލައިގަންނަން އެކުލަވާލި އެއްބަސްވުމާއި، ކުންފުނީގެ އޮޑިޓް ރިޕޯޓާއި، އޭސީސީގެ ތަހުގީގާ ގުޅޭ ހުރިހާ ލިއެކިއުމެއް ކޮމިޓީއަށް ހޯދުމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މި މައްސަލަ ކޮމިޓީން ބަލާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި އެ ފާމްއަށް ރިޕޯޓް އެކުލަވާލަން ހާވަލުކުރި ގޮތުގެ ޕްރޮސެސް ވެސް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އޭރުގައި ވެސް ގޯސް މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މި އެކައުންޓިން ފާމްއަށް މި މަސައްކަތް ހަވާލު ކުރެވުނު ގޮތެއް ވެސް ބަލަން ޖެހޭ. ބިޑް ޕްރޮސެސިންގެ ތެރެއިން ނުވަތަ ގާތް އެކުވެރިކަމުގެ ތެރެއިންތޯ ވެސް ބަލަން ޖެހޭ. އަގު ކަނޑައެޅިފައެއް ނެތް. ރިކަވާ ކުރެވޭ އެއްޗަކުން ފައިސާ ދެވޭ ގޮތަށް ޕްރޮސެސް ކަނޑައެޅުނު ގޮތެއް ވެސް ނުޖެހުން. އެއީ އެތިކަލް ކަމެއް ވެސް ނޫން." އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިންގެ އެ ވަހާކައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން، މެންބަރު ހަސަން ލަތީފް ވިދާޅުވީ މައްސަލާގައި ބަލަން ޖެހޭ ހުރިހާ ކަމެއް ބެލޭނީ ވެސް ލިއެކިއުންތަކާއި މައުލޫމާތުތައް ހޯދައިގެން ކަމަށެވެ. އެކަމުގައި މެންބަރުން ދެބަސްވާން ޖެހޭ ކަމެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. އޮޑިޓް ފާމްގެ މަސައްކަތް ނިންމައި ފައިސާ ހޭދަކޮށްގެން ރިޕޯޓް ހޯދަން ޖެހުނު ސަބަބު ކޮމިޓީން ބަލައި ހޯދައި ދިރާސާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަމުގައި ހުންނެވި، ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުން އުވާލައި ކުންފުންޏާއެކު ސެޓަލްމަންޓް އެގްރިމަންޓަކަށް ދާން ޖެހުނީ އެ ކުންފުނިން އެ ކަން ނުކުރެވޭނެ ކަމަށް އެންގުމުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ރިޕޯޓް ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވުމުން އުޝާމް ދޮގުކުރެއްވި އެވެ. އުޝާމް ތަޅުމުގައި އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އޭގެ ޕްރެޒެންޓޭޝަންތަކެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އޭގެ ފަހުން އޭސީސީން ވެސް ވަނީ ލިއެކިއުންތައް އެ ކޮމިޝަންގައި އޮތް ކަން ހާމަކޮށްފަ އެވެ.