ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް ކަނޑައެޅުމުގައި ތަފާތު ދައްކަވާނެ ހެއްޔެވެ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު ވެރިކަމުގެ ސިފަތައް ރައްޔިތުން ނިކުމެ ބަދަލުކޮށްފި އެވެ. ރައީސް މައުމޫންގެ ވެރިކަމުގެ އެއް ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް އެމަނިކުފާނު ގަޔާވާ ބޭފުޅަކު އައްޔަންކުރެއްވުމެވެ. ނުވަތަ މެންބަރުންނަށް އެމަނިކުފާނު ބޭނުންވާ ގޮތް ވިދާޅުވެ އެމަގުން އެކަން ކުރަން އެންގުމެވެ.

އެގޮތް ދިވެހިންނަށް ކަމަކު ނުދިޔަ އެވެ. ރައްޔިތުން އޭރު ބުނަމުން ދިޔައީ ވެރިކަމުގެ ބާރު ގާނޫނު ހަދާ މަޖިލީހުގެ ބާރާ އަދި އަދުލު އިންސާފުގެ ބާރު އޮންނަން ވާނީ މިނިވަންކޮށް ކަމަށެވެ. އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުހިންގޭ ވަރަށް މިނިވަންކޮށް ކަމެވެ. އެހެންކަމުން އާ ގާނޫނުއަސާސީގައި މި ހައްގު ވަނީ ދައުލަތުގެ ތިން ބާރަށް މުތުލަގަށް ކަށަވަރުކޮށްދީފަ އެވެ.

އާ ގާނޫނުއަސާސީ ވުޖޫދުވެ މިއަދާ ހަމައަށް އައިއިރުވެސް އެއް ހައްގު ކަށަވަރުވެފައި އޮތް ތަން މިފެންނަނީ ހަމައެކަނި ލިޔުމުގައެވެ. އަމަލީގޮތުން ފެންނަނީ ބާރުތައް މަސްހުނިވާ ތަނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ބައެއް މީހުން ބުނާ ގޮތުގައި ޑިމޮކްރަސީގެ ޗެމްޕިއަނެވެ. ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަބްދުﷲ ޝާހިދު ހުންނެވީ ރައީސް ނަޝީދު ބޭނުންވެގެންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ދައުރު ނިމުމަކާ ދާދި ކައިރި ވަންދެން މަޖިލީހުގެ ރައީސަކަށް އަބްދުﷲ މަސީހް ހުންނެވީވެސް ރައީސް ޔާމީން ބޭނުންވެގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމަނިކުފާނު ބޭނުންވީ މަޖިލީހުގެ ރައީސަކަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހަމަޖެއްސުމަށެވެ. ނަމަވެސް ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ފައިނެންގެވުމުން ރައީސް ސޯލިހް އެކަމުގައި ނަޝީދު ބޭނުންވާ ގޮތަށް ކަންކަން ނިންމެވުމަށް ދީލާލެއްވީ އެވެ. އޭގެފަހުން ރައީސް ނަޝީދު ބޭރުކުރައްވައި މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖެއްސެވީވެސް ރައީސް ސޯލިހް ބޭނުންވެގެންނެވެ.

ވެރިކަމުގެ ބާރުން މަޖިލީހުގެ ރިޔާސަތަށް ގެންނަން މީހަކު ކަނޑައެޅުމަކީ އަޅުގަނޑުމެންގެ ޒަމާނީ ޑިމޮކްރަސީގެ އާދަކާދައަކަށް ވެއްޖެ އެވެ. އެހެންނަމަވެސް ދަންނަވަން ޖެހެނީ އެއީ ތަހުޒީބު ޑިމޮކްރަސީއެއްގައި އެކަން އޮންނަން ވާނެ ގޮތެއް ނޫނެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ މެންބަރުންގެ ތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީގެ މެންބަރުންގެ ތެރެއިން އެކަމަށް އެންމެ ގާބިލް، ތައުލީމީ އަދި އެންމެ ތަޖުރިބާ ހުރި ބޭފުޅެއް ކަނޑައެޅުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެވެ. މިއަދު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ރޫހަކީވެސް އެއީ އެވެ.

އަނެއްކާވެސް މަޖިލީހުގެ ރައީސަކު ކަނޑައެޅުމުގެ ދުވަހަކާ މިވަނީ ކުރިމަތިލާންޖެހިފަ އެވެ. އެއީ މިމަހުގެ 28 ވަނަ ދުވަހު 20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށްފަހު އެ ދުވަހުގެ ޖަލްސާ ކޮންމެހެން ކުރުން ލާޒިމު ކަމެކެވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ވަރަށް ތަފާތު ބޭފުޅެކެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ވަރަށް ތަފާތު ކޮށެވެ. ރައީސް ކަމުގެ ކެމްޕޭން ކުރެއްވެވީވެސް އަމިއްލަފުޅު ޕާޓީ ތެރެއިންވެސް ހުރި ހިޔާލުތަފާތުވުންތަކާ އެކު އެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވެސް އެހާމެ އުދަނގޫތައް ތަހައްމަލް ކުރަންޖެހުނެވެ. ހަމަ އެ އުދަގޫތަކުގެ ތެރެއިން މަޖިލިސް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެއްވީވެސް ރައީސް މުއިއްޒު ޕާޓީ -- ޕީއެންސީ އިންނެވެ.

ރައީސް ޑރ. މުއިއްޒު ފެންނަނީ ރައްޔިތުންގެ އިތުބާރު ހޯއްދަވައިގެން، ހިކުމަތު އަމަލީ ބޭނުންކުރައްވާ، ބުއްދި އިސްކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ.

ސުވާލަކީ އާ މަޖިލީހުގެ ރައީސަކު ކަނޑައެޅުމުގެ މި މުހިއްމު މަރުހަލާގައި މި ފާއިތުވި މަދު ދުވަސްކޮޅު ތެރޭގައި ރައީސް މުއިއްޒުގެ ކިބައިން ފެނުނު ހިކުމަތާއި ދުރު ވިސްނުން ފެނިގެން ދާނެބާ އެވެ.

ގާނޫނުއަސާސީގެ ރޫހާއި އެއްގޮތަށް ޕީއެންސީ އިން މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ރައީސަކު ހޮވުން ދޫކުރައްވައި ތަފާތު ދައްކަވާނެ ރައީސަކަށް މުއިއްޒު ވަޑައިގަންނަވާނެ ބާވަ އެވެ.