ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓް އާންމު ކުރުމަށް ހަމަޖެހިފައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަހަށް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ހަވާލު ކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން ބޭރުގެ އެކައުންޓިން ފާމްއިން ފައިސާ ބައްވަލައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހެޅުއްވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ވޯޓަށް އެހުމުގެ ކުރިން ވާހަކަފުޅު ދައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުންފުންޏަށް މަސައްކަތް ހަވާލު ކުރެވުނީ ވެސް ތަހުގީގު ހުއްޓާލަން ސަރުކާރުން އެދިއްޖެނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި އެ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެވިފައިވާއިރު ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު އޮވެދާނެ ކަމަށް ވިސްނުމަށް އައިސްފައިނުވާ ކަމަށާއި ނަމަވެސް ހުއްޓާލަން ބޭނުންވާނަމަ ބޭނުންވާނީ ކާކުތޯ ހިތަށް އެރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެ ކަން (އެސްޓީއޯ މެދުވެރިކޮށް ހިންގި ވަގު ވިޔަފާރީގެ މައްސަލަ) ބެލުމަށް އޭރުގެ ސަރުކާރުން އެ ކަން ކުރުމަށް ކޮންޓްރެކްޓް ކުރެވި މި ކުންފުންޏާ ހަވާލު ކުރެވުނީ، ހަގީގަތުގައި ހަތެއް ފެބްރުއަރީ ދުވަހަކީ އެ ރިޕޯޓް ނެރެން އޮތް ދުވަސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ވަހީދެވެ. ނަޝީދު ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން އޭރުގެ ސަރުކާރުގައި އެކުލަވާލި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ވަނީ ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ.
ރައީސް ވަހީދާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިމިވަނީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރަކަށް އެމަނިކުފާނު އައްޔަން ކުރިތާ ދުވަހެއް ފަހުންނެވެ.
މަޖިލީހަށް ހުށަހެޅި މައްސަލާގައި ތުހުމަތު ކުރެވޭ މުއާމަލާތް ހިންގިއިރު، އެސްޓީއޯގެ ޗެއާމަންގެ ގޮތުގައި ހުންނެވީ އިދިކޮޅު ކޯލިޝަން ލީޑް ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ މަނީ ލޯންޑަރިންގެ މައްސަލާގައި ހުކުމް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގަ އެވެ.