ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާބެހޭ ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އިތުރަށް ދިރާސާ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ހަވާލު ކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ވަހީދު ވެރިކަމަށް ވަޑައިގަތީ ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން ވަނީ ފާސްކޮށްފަ އެވެ.
ނަމަވެސް އެ މައްސަލަ މަޖިލީހުން އިތުރަށް ދިރާސާ ކުރަންޖެހޭކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުން، މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެ ހުށަހެޅުން ފާސްކުރުމާއެކު، އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާނެކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ މަޖިލީހުން ތަހުގީގު ކުރަނީ މާލީ މައްސަލައެއްގެ ގޮތުގައި ނޫން ކަމަށާއި، ވައްކަމުގެ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ނަޝީދު ވަނީ ފާހަގަކުރައްވައިފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޖުލައި 8، 2010 ގައި ބޭރުގެ އެކައުންޓިން ފާމަކަށް މަސައްކަތް ހަވާ ލުކޮށްފައި ވަނީ، ތަހުގީގު ނިމޭ ފަހުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ލިބުމުން އެ ފައިސާއިން 10 ޕަސެންޓު ލިބޭ ގޮތަށެވެ. ނަމަވެސް ވަކި ހިސާބަކުން ތަހުގީގު ނިންމާލަން އަންގާނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާ ގޮތަށެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ފަލާހް ވިދާޅުވެފައިވަނީ، ރިޕޯޓް ބަލައިގަތުމަށް ބޭރުގެ ކުންފުންޏާއެކު މުއާމަލާތްތައް ކޮށްފައި ވަނީ ރައީސް ވަހީދާއި އޭރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިސްވެ ހުންނަވައިގެންނެވެ. އަދި ދައުލަތުން ކުންފުންޏަށް ފައިސާ ދީފައި ވަނީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބުގެ ބެލުމުގެ ދަށުންނެވެ.
ނަމަވެސް ރައީސް އޮފީހާއި، ބަންޑާރަ ނައިބުގެ އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި، އެމްއެމްއޭގެ އިތުރުން ދައުލަތުގެ އެހެން އެއްވެސް އިދާރާއެއްގައި އެކަމާ ގުޅޭ ލިޔެކިއުންތަކާއި އެ ރިޕޯޓް ވެސް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ރައީސް ވަހީދު އެ ރިޕޯޓް ފޮރުވާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އެއީ ވައްކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ފަލާހުގެ އިތުރުން އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވަނީ އެފަދަ ވައްކަންތައް ތަހުގީގުކޮށް، އިންސާފު ހޯދަންޖެހޭކަމަށް ވިދާޅުވެ، ހާއްސަކޮށް ރައީސް ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ވަހީދާ ގުޅޭ ކަމެއް ރައްޔިތުންގެ މަޖިލީހަށް މި ފެންމަތި ކޮށްފައިވަނީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް އެމަނިކުފާނު އައްޔަން ކުރިތާ އެއް ދުވަސް ފަހުންނެވެ. އެސްޓީއޯ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތު ކުރާ މުއާމާލަތަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ކުންފުނީގެ ޗެއާމަންގެ ގޮތުގައި ހުންނެވިއިރު ހިންގި ކަމަށް ތުހުމަތު ކުރާ މުއާމަލާތެކެވެ.