ހަބަރު

ޗައިނާ އެފްޓީއޭ އަށް އަމަލުކުރަން ރައީސް ޔާމީން ބޭނުންނުވި: ނަޝީދު

Oct 7, 2020
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ހުދު އެމަނިކުފާނުވެސް ބޭނުންފުޅުނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފަ އެވެ.

މިއަދުގެ ޖަލްސާގައި އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އެ އެފްޓީއޭ އަށް އަމަލުކުރަން ފެށޭނީ އެކަމަށް ބޭނުންވާ ގާނޫނުތައް ވުޖޫދުކޮށްގެން ކަމަށާއި، އެކަން ކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، މަސްވެރިންނަށް އެ އެފްޓީއޭ އިން މާބޮޑު ފައިދާއެއް ނުކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރުގެ ޖަވާބަށް ބާރު ދެއްވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެފްޓީއޭގެ 165 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އެގްރީމަންޓަށް އަމަލުކުރަން ފެށޭނީ އެ އުފެއްދޭތާ 30 ދުވަހުގެ ތެރޭގައި ދެ ފަރާތުން އެތެރޭގެ ހުރި އެގްރީމެންޓުތަކާއި ގާނޫނުތައް ފަރުމާކޮށްފައި ދެ ފަރާތުން ބަދަލުކުރަންޖެހޭ ކަމަށެވެ.

"އެހެންވީމާ، ޗައިނާއާއެކު އެފްޓީއޭ އެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން ޖާބިރު ވަނީ ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައިފަ އެވެ. އަދި ދައުލަތުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ވޫޖޫދުގައި އޮތްތޯ ނެތްތޯ ކަނޑައެޅުއްވުމަށް ނަޝީދަކީ ފަނޑިޔާރެއްތޯ ވިދާޅުވެ، ޖާބިރު ވަނީ ކުޑަ ވަގުތުކޮޅަކަށް ތަޅުން ދޫކޮށް ނުކުންނަވައިފަ އެވެ.

މިނިސްޓަރާ ސުވާލުކުރަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، އޭނާ ވަނީ އަމީރަށް ރައްދު ދެއްވައިފަ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ އެފްޓީއޭ އަކުން މަސްވެރިންނަށް ފައިދާއެއް ނުކުރާކަމަށް ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެގޮތުން، އެފްޓީއޭގެ ދަށުން ޒީރޯ ޓެރިފްގައި ޗައިނާއަށް އެތެރެކުރެވޭ ބާވަތްތަކުގެ ތެރޭގައި މަސްވެރި އުފެއްދުންތަކުގެ 300 އެއްހާ ބާވަތް ހިމެނޭކަން ސައީދު ފާހަގަކުރެއްވި އެވެ.

އާއްމު އުސޫލުގެ ދަށުން، މެމްބަރުންނަށް ސުވާލު ކުރުމަށް ދެއްވާ ފުރުސަތުގެ މެދުން، މަޖިލީހުގެ ރައީސް މިއަދުވެސް ވަނީ އެމަނިކުފާނުގެ ހިޔާލުފުޅުތައްވެސް ހިއްސާކުރައްވައިފަ އެވެ.

ޖާބިރު ތަކުރާރުކޮށް ނަންގަވަމުންދިއަ ނިޒާމީ ނުކުތާތަކަށް އިޝާރާތް ކުރައްމުން، ނަޝީދު ވިދާޅުވީ ޗައިނާއާއެކު އެފްޓީއޭ އެއް ނެތް ކަން ފާހަގަކުރެއްވީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން، އެއަށް އަމަލުކުރަން ކުރަން ބޭނުންވާ ގާނޫނުތައް ނަހަދައި އޮތުމުން ކަމަށެވެ.

އަދި އެކަން ކުރުމަށް ކުރީގެ ސަރުކާރަށް ލިބިފައި އޮތް ފުރުސަތުގައި އެކަން ނުކޮށް އޮތް ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އެކަން ހަގީގަތުގައި ނުކޮށް އޮތީ ރައީސް ޔާމީން އެކަން ކުރިއަށް ގެންދަން ބޭނުންފުޅުނުވާތީ. ރާއްޖޭގައި ވެރިކަން ކުރައްވާ ވެރިންނަކީ ހިކުމަތްތެރި ބައެއް. އެގޮތަށް އެއްބަސްވުންތަކާއި ބައެއް ކަންކަން މަތި މަތީގައި އެބަ ބާއްވަވައި،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.

އެ އެއްބަސްވުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިބި އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. މި ސަރުކާރު އައި ފަހުން އެ އެއްބަސްވުން އުވާލަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. އެންމެ ގިނައިން އެ ވާހަކަ ވިދާޅުވަމުން ގެންދަވަނީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.