ހަބަރު

ހަރުމުދާ ބަލާ ޗައިނާ އިން ނާންނާނެ: ނަޝީދު

ކުރީގެ ސަރުކާރުގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ޗައިނާ އިން ނަގާފައިވާ ލޯނުތަކަކީ ދަރަނީ ދަންތުރައެއް ކަމަށާއި، އެ ލޯނުތައް އަނބުރާ ނުދެއްކި، ދިވެހި ރަށްތައް އަތުލާނެކަމަށް ތަކުރާރުކޮށް އިންޒާރުދެމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރާގު ބަދަލުވެއްޖެ އެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.

އެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، މިއަދު އެ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނޫން މަގެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ބޮންޑު ވިއްކަން ސަރުކާރުން މަސައްކަތް ކުރަނީ ދަރަނި އަނބުރާ ދައްކަން ފައިސާ ހޯދުން ކަމަށާއި، ނަމަވެސް، ދަރަނި ދައްކަން އިތުރު ދަރަނި ނެގުމަކީ ބުއްދުވެރިކަމެއް ނޫން ކަމަށެވެ.

އެފަދަ ހާލަތެއްގައި ދަރަނި ނުދެއްކޭނެކަމަށް ރާއްޖޭން ސާފުކޮށް ބުނުމުން، ކޮމާޝަލް ބޭންކުތަކަށް އޮންނާނީ ދެ ގޮތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ބޭންކްތަކަށް މިއޮތީ ދެ ގޮތް. އެއްގޮތަކީ ހަރުމުދާ އަނބުރާ ދެހެރޭ. އެ ބަލާ އައުން. ދެން އަޅުގަނޑު ދެކޭ ގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުސަތެއް އަދި މި ވަގުތަކު އެއީކީއެއް ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ. ދެން އެއީ މި ޒަމާނުގައި ގައުމުތަކުން ދެކޭ ގޮތެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ނަޝީދު މިއަދުވެސް ވަނީ ދަރަނި ރީސްޓްރަކްޗާ ކުރަން ބާބޭޑޮސްގެ ސަރުކާރުން 2018 ވަނަ އަމަލު ކުރިގޮތް ނަންގަވައިފަ އެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ ބާބޭޑޮސް އިން އަމަލުކުރި ގޮތުން އެ ގައުމުގެ ބޮންޑުގެ އަގު ދަށަށް ދިއަ ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގައުމުގެ މާލިއްޔަތު އިތުރަށް ތަނަވަސްވެ، މާލީ އިދާރާތަކުން އެ ގައުމަށް އޮތް އިތުބާރު ބޮޑުވެގެން ދިއަ ކަމަށެވެ.