އިގްތިސޯދު ރަނގަޅު ކުރަން އަންނަ އަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މާލީ އަދި ދަރަނީގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުން ތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މިދިއަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މަޖިލިސް ކޮންޓްރޯލް ކުރާ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިގުތިސޯދު އަލުން ހިންގުމަށްޓަކައި ސަރުކާރުން ފައިސާ ޕަމްޕުކުރުމަށް އިއުލާނުކޮށްފައިވާ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީއާ މެދު ކަންބޮޑުވުންފާޅުކޮށްފައި އެވެ.
އަދި އެކަމަށްޓަކައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކާމެދު ވެސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ބަހުސްގެ ތެރެއިން، ފިނޭންސް މިނިސްޓަރަށް މަޖިލީހުގެ ރިޔާސަތަށް މިއަދު ދިން ފުރުސަތުގައި އަމީރު ވިދާޅުވީ މި ބަޖެޓުގެ ވިސްނުމަކީ ކޮވިޑް-19 އިގެ ހާލަތުގައި އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތި ހާލަތުން ވީ އެންމެ އަވަހަކަށް އަރައިގަތުން ކަމަށާއި ސީދާ ސަރުކާރު މެދުވެރިވެގެން އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށްގެން މެނުވީ، އުފެއްދުންތެރިކަމާއެކު ދައުލަތުގެ އާމްދަނީ އިތުރުކުރެވެންނެތް ކަމަށެވެ.
އަދި އާމްދަނީ އިތުރުނުވާނަމަ، ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަންވެސް ކުޑަވަމުންދާކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ޕީއެސްއައިޕީގެ ޕްރޮޖެކްޓުތައް ހިންގުމުގެ އަޅުގަނޑުމެންގެ ވިސްނުމަކަށް ވެގެން މިދަނީ އިގުތިސޯދީ ތަދުމަޑުކަމެއްގެ ތެރޭގައި ތިބޭއިރު އެބަޖެހޭ އިގުތިސޯދު ސްޓިމިއުލޭޓް ކުރަން މަސައްކަތްތަކެއް ކުރަން،" އަމީރު ވިދާޅުވި އެވެ.
މިގޮތުން، މާލޭ ޕޯޓު ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރުން ތިލަމާލެ ބުރިޖު ފަދަ ބޮޑެތި މަޝްރޫއުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް މިހާރު ވެސް ފައިސާ ލިބިފައިވާ މަޝްރޫއުތަކެއްކަން މިއަދު ވެސް މިނިސްޓަރު ތަކުރާރުކުރެއްވި އެވެ.
ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދަން ހިމަނާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރަތް ކުރައްވަމުން އަމީރު ވިދާޅުވީ އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނީ އަންނަ އަހަރު ސަރުކާރަށް އާމްދަނީ ލިބެމުންދާ މިންވަރަކުން ކަމަށެވެ.
އިތުރަށް ވިދާޅުވީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދިއުމަށް މިހާރު ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
"ސަރުކާރުން ވިސްނުންތަކެއް އެބަ ގެންގުޅެން މި ހާލަތުގައި ވެސް ވީ އެންމެ އަވަހަކަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުރި ޕްރޮޖެކްޓުތައް އަވަހަށް ނިންމުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ބަހުސްގެ ތެރެއިން މި ބަޖެޓުގައި އެމްޑީޕީގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ނުފެންނަކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާތީ، އެކަމަށްވެސް އަމީރު ވަނީ ރައްދު ދެއްވައިފަ އެވެ.
މިގޮތުން، އޭނާ ވިދާޅުވީ ކޮވިޑް-19 އިގެ ހާލަތުގައިވެސް ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި އަތޮޅު ތެރޭގައި ފަސް ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރުމުގެ އިތުރުން ތައުލީމީ ދާއިރާ ލާމަރުކަޒު ކުރުމުގެ މުހިއްމު މަޝްރޫއުތަކެއް ހިމަނާފައިވާ ކަމަށެވެ.
އާމްދަނީ އާ ނުބައްދަލު މިންވަރަށް ދަރަނި އިތުރުވެފައިވާއިރު، އެ ދަރަނިތައް އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން މިއަދުވެސް އަމީރު ވަނީ ދެއްވައިފަ އެވެ.
އަދި އެ ދަރަނި އަނބުރާ ދެއްކޭނެ ހާލަތަކަށް އެނބުރި ދެވޭނީ މިފަދަ ބަޖެޓެއް ހުށަހަޅައިގެންކަމަށްވެސް ވިދާޅުވި އެވެ.