ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މައްސަލަ އެމަނިކުފާނު ހުށަހަޅުއްވަން ނިންމެވި ސަބަބަކީ މިދިޔަ އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ދަރަނީގެ ހިސާބުތަކާއި އޭގެ ކުރިން މަޖިލީހުގައި ހުރި ދަރަނީގެ ހިސާބުތަކާ ދިމާ ނުވާތީ ކަމަށެވެ.
"2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އެކިއެކި ފިނޭންސް މިނިސްޓްރީން އެ މައުލޫމާތު ފޮނުވާފައިވޭ. އަޅުގަނޑުމެނަށް ފާހަގަވަނީ މި މައުލޫމާތާއި ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރު ފޮނުވި އަދަދުތަކާ ފުށުއަރާ. އެހެންކަމުން ދައުލަތުގެ ދަރަނީގެ މިންވަރެއް ސާފެއް ނުވޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، ފިނޭންސްއިން ފަހުން ފޮނުވި ލިއުމުގައިވާ ހަތަރު ލޯނެއްގެ މައުލޫމާތު ކުރިން މަޖިލީހަށް ލިބިފައެއް ނުވެ އެވެ. އަދި ކުރިން މަޖިލީހަށް ލިބުނު ދެ ގެރެންޓީއެއްގެ މައުލޫމާތެއް ފަހުން ފިނޭންސް އިން ފޮނުވި ލިއުމުގައި ނެތް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މަޖިލީހުގައި ނެތް ހަތަރު ލޯނުގެ މައުލޫމާތު
- ސިނަމާލެ ބްރިޖްގެ ޕްރޮޖެކްޓަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު
- ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު
- ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނު
ފިނޭންސްގެ ސިޓީގައި ނެތް ގެރެންޓީތަކުގެ މައުލޫމާތު
- ހުޅުމާލޭގެ 5000 ހައުސިން ޔުނިޓްގެ މަޝްރޫއަކަށް އޮގްޒާކްއަށް ދޫކުރި 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ
- ހުޅުމާލޭގެ 1000 ހައުސިން ޔުނިޓްގެ މަޝްރޫއަކަށް ޖީވިތް ނޭޗާ ލަންކާ އިންވަސްޓްމަންޓްއަށް ދޫކުރި 65.2 މިލިއަން ޑޮލަރު
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅުންނަށާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވެސް ނުރުހުން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދަރަންޏެއް ނަގާތާ 30 ދުވަހެއްގެ ތެރޭގައި މަޖިލީހަށް އެ މައުލޫމާތު ފޮނުވުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށާއި ދަރަނި ބެލެހެއްޓުމުގެ ޒިންމާ ސީރިއަސްކޮށް މިނިސްޓަރުން ނަގާފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް އެއް ގަޑިއިރުގެ ވަގުތެއް އެމަނިކުފާނު ހުޅުވާލެވި އެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވިފައިވެ އެވެ.