އިބްރާހިމް އަމީރު

ރިޒާވްއާ ގުޅޭ ގޮތުން ދިނީ ފިނި ޖަވާބެއް

Jun 29, 2022

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ފަސް މަސް ދުވަހަށް ފުދޭ ވަރަށް އަސާސީ މުދާ ރާއްޖެއަށް އިމްޕޯޓް ކުރަން ބޭނުންވާ ބޭރު ފައިސާ ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ އަސާސީ މުދާ ގަންނަން ބޭނުންވާ ކިހާ ދުވަހެއްގެ ފައިސާ ދައުލަތުގެ ރިޒާވްގައި ހުރިތޯ ޔަގީންކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށަހެޅުއްވި ސުވާލަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ. މަޖިލީހުގެ އިދާރާއަށް އީވާ މިސުވާލު ފޮނުއްވީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

އީވާ ކުރެއްވި ސުވާލުގައި ބުނެފައިވަނީ ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ.

ޖޫން މަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ އަދަދުގެ ޑޮލަރު ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަންޖެހޭ ކަމަށް ސުވާލުގައި ފާހަގަކޮށްފައިވެ އެވެ. އަދި 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހަށް ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ކަމަށްވެސް ސުވާލުގައި ބުނެފައިވެ އެވެ. އެހެންވެ މާލީ ކަންކަން އެގޮތަށް ހުރުމުން ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑު، ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ސުވާލު ކުރައްވާފައިވެ އެވެ.

މިސުވާލަށް މިނިސްޓަރު އަމީރު ދެއްވާފައިވަނީ ވަރަށް ކުރު އަދި ޖަވާބެކެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް މެނޭޖުކުރުން ގާނޫނީ ގޮތުން ހަވާލުވެފައިވަނީ މަރުކަޒީ ބޭންކް -- އެމްއެމްއޭ އަށް ކަމަށެވެ. ދައުލަތުގެ ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓާ އަންދާޒާތައް ތައްޔާރުކުރުމަކީވެސް އެމްއެމްއޭގެ ކަމެއް ކަމަށާއި ސަރުކާރަށް ބޭނުންކުރެވޭ ނުވަތަ ޔޫޒަބަލް ރިޒާވްގެ އަދަދަކީ ވެސް އެމްއެމްއޭ އިން މިހާރު ހާމަކުރާ އަދަދެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ލިބެން ހުރި މައުލޫމާތު ކަމަށް ވިދާޅުވެ ދެއްވި ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ލިބެން ހުރި މައުލޫމާތަށް ބަލައި އަންދާޒާ ކުރެވޭ ގޮތުން ކުރިއަށް އޮތް ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓް ގާތްގަނޑަކަށް ފަސް މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒާވް ހުންނާނެ ކަމަށެވެ.

"މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހޯއްދެވުމަށް ދަންނަވަމެވެ. ރިޒާވް މެނޭޖުކުރުމުގައި ދައުލަތުން ބޭނުންވާ އެއްބާރުލުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީަށް އަބަދުވެސް ދެމުންދާ ކަން މިހިނދު ފާހަގަކުރަމެވެ." އަމީރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އަމީރުގެ ޖަވާބާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައި ސަރުކާރު ހިންގުމަށް ބޭނުންވާ ވުޒާރާތައް އުފައްދަވާ އެ ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ފެބްރުއަރީ 22، 2019 ގައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ހުށަހެޅުއްވުމުގައިވާ ގޮތަށް ބަލާއިރު މާލީ ކަންކަމާ މާލީ ވަޒީރަށް ހަވާލުވެވަޑައިނުގެންނެވޭނެ ކަމަށް ނުދެންނެވޭނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން މިނިސްޓަރު އަމީރު ފޮނުއްވި ސިޓީ އިސްލާހު ކުރެއްވުމަށް ވަނީ އާންމުކޮށް އަންގަވާފަ އެވެ.

"ގާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ވަޒީރަށް މަޖުބޫރު ވަނީ މިރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން. އަޅުގަނޑު އިއްޒަތްތެރި ވަޒީރު އަރިހުން އެދެން އިއްޒަތްތެރި ވަޒީރުގެ ސިޓީފުޅު އަލުން އިސްލާހުކުރައްވާ މި މަޖިލީހަށް ފޮނުއްވައި ދެއްވުމަށް." ނަޝީދު ވިދާޅުވި އެވެ.