ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން އެ މައްސަލަ ދިރާސާކުރި ހާއްސަ ކޮމެޓީން ނިންމައިިފި އެވެ.
އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުން ދިރާސާކުރުމަށް ފަހު މިރޭ އެ ކޮމެޓީން ވަނީ މުއްދަތު އަހަރު ދުވަހަށް އިތުރު ކޮށްދޭން ފާސްކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މައްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހަށެވެ. އެެހެންވެ އަނެއްކާ ވެސް އެ މައްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރަން ވަނީ އެދިފަ އެވެ. މުއްދަތު އިތުރު ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން އިއްޔެ ވޯޓަށް އެހި ނަމަވެސް އެކަމަށް މަޖިލީހުން ރުހުން ނުލިބުނެވެ.
އެ މައްސަލައަށް ހައްލެއް ނުހޯދި ދިގުލައިގެން ދާތީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މިއަދު ހުށަހެޅުއްވީ އެކަން ކޮމެޓީއަކަށް ގެންގޮސްގެން ކުރިއަށް ގެންދާށެވެ. އޭނާ އެދިވަޑައިގެންނެވީ ހުރިހާ ޕާޓީތަކެއްގެ މީހުންނާއި މިނިވަން މެމްބަރަކު ވެސް ހިމެނޭ ގޮތަށް ނުވަ މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަ ށެވެ.
އޭނާގެ ހުށަހެޅުން ފާސްކުރީ 51 މެމްބަރުންގެ ވޯޓާއެކު އެވެ.
އެ ކޮމެޓީގެ މަސައްކަތް މިއަދުން މިއަދަށް ނިންމަން ޖެހޭތީ ކޮމެޓީއަށް ވަނީ ކަމާގުޅޭ ދާއިރާތަކުގެ އިސްވެރިން ހާޒިރުކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެ ބޭފުޅުން އެދިވަޑައިގެންނެވީ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ.
ކޮމެޓީގެ މިރޭގެ ބައްދަލްވުމުގައި އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކުރުމަށް ފާސްކުރީ ކޮމެޓީ މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންފައިވާ ގޮތުން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތަށް ބުރޫ އެރިއަ ނުދީ ހިފެހެއްޓުނެވެ. މީގެ އިތުރުން އިގްތިސޯދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އިގެ ސަބަބުން ކުރަން ޖެހުނު ސިއްހީ ހޭދައަށް ފަސޭހަ ވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.