ހަބަރު

ހާއްސަ ކޮމިޓީއަކާއެކު ދަރަނި މެނޭޖުކުރަން މަޖިލީހުގެ ގިނަ ހުށަހެޅުންތަކެއް

މިދިއަ އޯގަސްޓް މަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން. -- ފޮޓޯ: މަޖިލިސް
0%
0%
0%

ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައި ވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.

މިއަދު ކުރިއަށް ދިއަ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ރިޕޯޓުގައި ހިމެނޭ މުހިއްމު ބައިތައް މެންބަރުންގެ މަޝްވަރާއަށް ހިއްސާ ކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށް ކަމަށެވެ.

މިގޮތުން، ހަތް ބާވަތުގެ ދަރަންޏެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ޖުމްލަ ގޮތެއްގައި ދަރަނި ނަގާފައިވަނީ ގާނޫނާ އެއް ގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިޕޯޓުގައި ފާހަގަކުރި ހަތް ބާވަތުގެ ދަރަނި

  • ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަނި - 13 ބިލިއަން ރުފިޔާ
  • ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުން ނަގާފައިވާ ދަރަނި - 12.9 ބިލިއަން ރުފިޔާ
  • ދައުލަތުން ގެރެންޓީދީގެން ކުންފުނިތަކުން ނަގާފައިވާ ދަރަނި - 41.1 ބިލިއަން ރުފިޔާ
  • ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތައް - 5.4 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފިނަތަކުގެ އޯވާޑްރާފްޓް - 78.7 މިލިއަން ރުފިޔާ
  • އެމްއެމްއޭ ނަގާފައިވާ ލޯނާއި، ގަނެފައިވާ ބޮންޑު އަދި ޓްރެޜަރީ ބިލު - 7.4 ބިލިއަން ރުފިޔާ
  • ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ ބިލް އަދި ބޮންޑު - 91 ބިލިއަން ރުފިޔާ

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ޖުމްލަ ދަރަނި 172 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

"މީގައި ދައުލަތަށް އުނދަގޫވެގެންދަނީ، ބުރަވެގެން ދަނީ އަނބުރާ ނުދެއްކުނީމާ. ނަގާއިރަކު ނޫން. އަޅުގަނޑުމެންނަށް މިއަދު ދިމާވެގެން އުޅޭ ކަމަކީ 2021 ވަނަ އަހަރު އަނބުރާ ދައްކަން ހުރި އަދަދު އިންތިހާއަށް ބޮޑުކަމުން،" މިކަން ހިނގައިގެން އުޅެނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދަރަނީގެ ކަންކަން ކޮށްފައިހުރި ގޮތުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން 2012 އިން 2018 އަށް ނަގާފައިވާ ދަރަނި: ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ ބިލް އަދި ބޮންޑު -- އަވަސް އިންފޮގްރެފިކްސް | އައިމިނަތު އިޒްވީނާ

މަޖިލީހުގެ ރިޕޯޓުގައި ވަނީ ކުރިއަސް އޮތް އަހަރު ތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައް ވެސް ވަރުން އަޅުވައިފަ އެވެ.

ދައްކަންޖެހޭ ދަރަންޏާއި ލިބޭނެ އާމްދަނީގައި ހުރި ފަރަގު

  • 2020
  • ޖުމްލަ އާމްދަނީ: 13.7 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 10.1 ބިލިއަން ރުފިޔާ
  • ތަފާތު: 3.5 ބިލިއަން ރުފިޔާ
  • 2021
  • ޖުމްލަ އާމްދަނީ: 17.5 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 20.1 ބިލިއަން ރުފިޔާ
  • ތަފާތު: 2.5- ބިލިއަން ރުފިޔާ
  • 2022
  • ޖުމްލަ އާމްދަނީ: 21 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 9.9 ބިލިއަން ރުފިޔާ
  • ތަފާތު: 11 ބިލިއަން ރުފިޔާ
  • 2023
  • ޖުމްލަ އާމްދަނީ: 25.3 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 5.5 ބިލިއަން ރުފިޔާ
  • ތަފާތު: 19.7 ބިލިއަން ރުފިޔާ
  • 2024
  • ޖުމްލަ އާމްދަނީ: 26.6 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 5.2 ބިލިއަން ރުފިޔާ
  • ތަފާތު: 21.4 ބިލިއަން ރުފިޔާ

ދަރަނީގެ ކަންކަން ބަލާތީ އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. މިގޮތުން، ދައުލަތަށް ދަރަނި ދެއްކުމުގެ ގާބިލުކަން ކަނޑައަޅަނީ މަޖިލީހުންތޯ ސުވާލު އުފައްދަވަމުން ޝަރީފް ވިދާޅުވީ ރައީސް އަށާއި މާލީ ވަޒީރަށް ދަރަނީގެ ކަންކަން އެނގިވަޑައިނުގަންނަވާކަމަށް ދޭހަވާ ގޮތަށް މަޖިލީހުން މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭން 2020 އިން 2024 އަށް ދައްކަންޖެހޭ ދަރަންޏާއި ލިބޭނެ އާމްދަނީގައި ހުރި ފަރަގު -- އަވަސް އިންފޮގްރެފިކްސް | އައިމިނަތު އިޒްވީނާ

އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ގާނޫނުން މަޖިލީހަށް މަތި ކުރުވާފައި ޒިންމާ އަދާކޮށް، ދަރަނީގެ ހިސާބުތައް ސާފުކޮށް، އެ ދަރަނި ދެއްކޭނެ ގޮތެއް ހޯދައި ދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދުތަކަކީ ސީދާ ފިނޭންސް މިނިސްޓްރީން މަޖިލީހާ ހިއްސާކޮށްފައިވާ އަދަދުތައް ކަމަށާއި، އެ ހިސާބުތަކަކީ ސިއްރުކުރަންޖެހޭ އެއްޗެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

"ދައުލަތަށް ދެރަވާ ހަމަ އެއްކަމެއްވެސް އަޅުގަނޑެއް ނުކުރާނަން،" ޝަރީފްގެ ހިތްހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި ނަޝީދު އިތުރަށް ވިދާޅުވި އެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.

ސަރުކާރަށް ހުށަހަޅާ މުހިއްމު ބައެއް ކަންކަން

  • ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަހަށް ފެށުން.
  • އެ މަސައްކަތަށް ހާއްސަ ކޮމިީޓީއެއް އެކުލަވާލައި، އެ ކޮމިޓީން ބޭރުގެ މާހިރުންގެ ލަފާ ހޯދުން
  • ކޮމިޓީގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމުން
  • ކޮމިޓީގެ މަސައްކަތް ކޮންމެ ހަފްތާއަކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުން
  • އަންނަ އަހަރު ދައްކަންޖެހޭ އެތެރޭގެ ދަރަނި ރޯލްއޯވާކޮށް، ދަރަނި ދެއްކުން ފަސްކުރުން
  • ދަރަނި ރީސްޓްރަކްޗާ ކުރަން ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުން
  • ދައުލަތުން ގެރެންޓީ ދޫކޮށްގެން ނަގާފައިވާ ލޯނުތަކުން ހިންގޭ މަޝްރޫއުތަކުގެ ތަފްސީލްތައް ގަވައިދުން ހޯދުން
  • ސަރުކާރުގެ ކުންފުނިންތަކުގެ ހަރަދު ކުޑަކޮށް ހިންގުން ހަރުދަނާ ކުރުން
  • ސަބްސިޑީ ދިނުމުގެ އުސޫލުތައް މުރާޖައާކޮށް، ޕްލޭނެއް އެކުލަވާލުން

މި ހިސާބުތައް އާންމުކޮށްގެން ކުރިއަށް ނަގަން ހުރި ލޯނުތަކަށް ނޭދެވޭ އަސަރު ކުރާނެކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ދަރަނި ނުދެއްކޭ ދުވަހެއް އައުމުގެ ކުރިން އެ ނުދެއްކޭނެކަމަށް ބުނެ މަޝްވަރާކުރުމަކީ، ރާއްޖެއާމެދު އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަށްފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި އެ ރިޕޯޓު މެންބަރުންނާ ހިއްސާ ކުރެވި، އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އެއަށްފަހު، އެ ރިޕޯޓު ކޮމިޓީން ފާސް ކޮށްފިނަމަ، އަނބުރާ ތަޅުމަށް އައިސް ވޯޓަށް އަހާނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަބްދޫ

ނަސީދު ވެރިކަމާ ހަވާލުވިއިރު ހުރީ 9 ބިލިއަންރުފިޔާ ދަރަނި ނަސީދު 3 އަހަރު ޓީބިލް 16 ބިލިއަން ފިނޭންސް އަށް 2.5 ބިލިއަން ބިލާ އެކު 18.5 ބިލިއަން ދަރަނި ނަގާ 27.5 ބިލއަނަށްދަރަނި މަތިކުރި ވަހީދު 4.5 ބިލިއަނާ އެކު 32 ބިލިއަނަށް ދަރަނިމަތިވި ޔާމީނު 17 ބިލިއަނާ އެކު 49 ބިލިއަނަށް ދަރަނި މަތިވި މިހާރު 172 ބިލިއަނަށް ދަރަނި އެރުމުން 123 ބިލިއަންރުފިޔާގެ ދަރަނި މިސަރުކާރަށް ނެގިއްޖެ.

ކަދިހިހުރަސް

މެންބަރުން ބުނާހާ މީހަކަށް ވަޒީފާ މެންބަރަށް ލޯނު މެންބަރުންނާ ހުރެ ގައުމު ދަރަނީ މެންބަރު ކަމަށް ވަކި ޝަރުޠެއް ނެތުން މައްސލައެއް

ގައުމީ ލޯބި

ރައްޔަތުންގެ ފަރާތުން ހުށަހަޅާ ގޮތް: * ދައުލަތުން މަޖިލީހަަށައި އެތަނުގެ މެމްބަރުންނަށް ކުރާ ޚަރަދު ކުޑަކުރުން * ޕޮލިޓިކަލް އެޕޮއިންޓީންގެ މުސާރަ އާޢި އިނާޔަށް 25 ހާހަށް ވުރެ ބޮޑުނުވާގޮތަކަށް ބަދަލުކުރުން * އިންޓަނޭޝަލަން ދަތުރުތައް ހުއްޓާލުން ( ކޮމެންހެން ކުރަން ޖެހޭ ދަތުރެއްފިޔަވައި) * އިންޓަނޭޝަނަލް އިންޝްއަރެންސް ޕެކެޖް ލޯކަލް ޕެކޭޖަށް ބަދަލުކުރުން * ރައީސް ފިޔަވައި 35 ހާހުން މަތީގެ މުސާރަތައް 35 އަކަށް ނުވަތަ 25% އިން ދައްކުރުން * އެހެން 20 ހާހުން މަތީގެ މުސާރަށް ތައް 20 ހާހަށް ދައްކުރުން ކެޕިޓަލް ޚަރަދު ހުއްޓާލާ، ވީވަރަކުން މަދުކުރުން * ބޮޑުޚަރަދު ހިގާ، ދިވެހީން މަދު ގައުމުތަކުގައި ހުރި އެމްބަސީތަކުގައި ތިބޭ މީހުން 3 ކަށް މަދުކުރުން) ނުވަތަ އެފަދަ މިޝަންތައް ބަންދުކުރުން، * ބޭރުން ލިބޭ އެހީ ހޯދުމުގައި ޚާއްޞަ ކަމއް ދީގެން އެހީ ހޯދުމަށް މަސަތްކަތް ކުރުން. * ބައިނަލް އަގުވާމީ ބައްދަލުވުން ތަކާއި، ޖަލްސާތައް ރާއްޖެއިން ޚަރަދު ކޮށް ސްޕޮންސަރކޮށް ނެހެދުން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345