ރާއްޖޭގެ ބޭރުގެ ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެ ކަމުގެ ޔަގީންކަން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ނަމަވެސް ދަރާފާނެ ހާލަތުގައި ރާއްޖެ ނެތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ހާލަތަކަށް ދިވެހި ދައުލަތް ތައްޔާރުވެފައިވާ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޮވެރިން ޑިފޯލްޓްއަކަށް ރާއްޖެ ނުދާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު އަމީރު ދެއްވީ މުޅި މަޖިލިސް އެއްކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ އަހުމަދު ސިޔާމްގެ ސަން ކުންފުންޏަށް ދިން ގެރެންޓީ އާއި ސޮވެރިން ޑިފޯލްޓްއަކަށް ރާއްޖެ ގޮސްދާނެ ކަމާ ގުޅޭ ގޮތުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތަށް ނެގި ބައެއް ލޯނުތަކާއި ދައުލަތުން ދޫކުރި ގެރެންޓީތަކުގެ އަދަދުތައް ސާފުނުވާ ކަމަށް ބުނެ މަޖިލީހުގެ މިއަދުގެ އެ ކޮމިޓީއަށް މިނިސްޓަރު އަމީރުގެ އިތުރުން ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ހާޒިރުކުރި އެވެ. އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވެސް ހާޒިރުވެ އިންނެވިއިރު އޮންލައިންކޮށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް އިންނެވި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ބައްދަލުވުމަށް ހާޒިރުވި މާލީ އިދާރާތަކުގެ މިހާރުގެ ވެރިންނާއި ކުރީގެ ވެރިން ދެއްކެވި ވާހަކަތަކުން އެމަނިކުފާނަށް ސާފުވެގެން ދިޔަ ކަމަކީ ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.
"މިއަދުގެ ބައްދަލުވުމުން އަޅުގަނޑުމެންނަށް ޔަގީން ވެގެން ދިޔަ ކަމަކީ ޑެޓް މެނޭޖްމަންޓްގެ ކަންކަން ރަނގަޅަށް ބެލެހެއްޓެމުން ނުދާ ކަން. އަޅުގަނޑަކީ ކުރީގެ ރައީސެއް. އަދި އަޅުގަނޑަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑަށް އެ ކަން ވަރަށް ސާފުކޮށް ފެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ ސަން ކުންފުންޏަށް ދޫކުރި ސޮވެރިން ގެރެންޓީއަކުން ޗައިނާގެ އެގްޒިމް ބޭންކްއިން ނެގި ފައިސާ ނުދައްކައިގެން ޗައިނާއިން ދިވެހި ސަރުކާރަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ފައިސާ ނުދެއްކިގެން ބޭރުގެ މާލީ އިދާރާއަކުން އެފަދަ ގޮތަށް ދިވެހި ދައުލަތަށް އެންގި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ލޯނު ނުދެއްކިގެން ބޭރުން ރިކޯލް ކުރީ، މިއަދު ދުވަހަކު ވެސް މި ރާއްޖޭގައި ހިނގި ކަމެއް ނޫންމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ މިނިސްޓަރު އަމީރަށް އެމަނިކުފާނު އިތުބާރު ކުރައްވާ ކަމަށެވެ. ނަމަވެސް ދިމާވެގެން އުޅޭ މައްސަލައަކީ ދައުލަތުގެ ދަރަނި ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ އެ ކަމުގެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށެވެ. އެފަދަ މައްސަލައެއްގައި ވަކި ބޭފުޅެއްގެ ދިފާއުގައި ވާހަކަ ނުދައްކަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް ހުރިހާ ބޭފުޅުންގެ ހިމާޔަތުގައި ވާހަކަ ދެއްކެވޭނެ. އަދި ވަރަށް ރީތިކޮށް ވެސް އަޅުގަނޑަށް އެ ވާހަކަތައް ދެކެވޭނެ. އެހެން ނަމަވެސް މި ދިވެހި ދައުލަތުގެ ދިފާއުގައި ކުރަން ޖެހޭ ކަމެއްގައި، އެ ކަން ނުކޮށް އަޅުގަނޑު ނުވާނެ އަޅުގަނޑުގެ އަމިއްލަ ދަރިން ވެސް ސަލާމަތް ކުރަން އުޅޭކަށް." ނަޝީދު ވިދާޅުވި އެވެ.
މިނިސްޓަރު ކަމުގައި މުނައްވަރު ހުންނެވި އިރު ދައުލަތުގެ ނަމުގައި ނަގާފައިވާ ހަތަރު ލޯނެއްގެ މައުލޫމާތު މަޖިލީހުގައި ނެތް ކަމަށެވެ. އަދި މަޖިލީހުގައި ހުރި ދެ ސޮވެރިން ގެރެންޓީގެ މައުލޫމާތުތައް ފިނޭންސްގައި ނެތް ކަން އެނގޭ ކަމަށެވެ. އެއީ މައްސަލައެއް ކަމަށާއި މަޖިލީހުން މި ކަން ބަލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ނެތް ކަމަށް ބުނާ ލޯނުތަކުގެ މައުލޫމާތު
- ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު
- ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު
- ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނު
ރައީސް ނަޝީދު ވިދާޅުވީ މިފަދަ ގޮތަކަށް މައްސަލަ އޮތް އިރު، ސޮވެރިން ޑިފޯލްޓް ކެންސަލް ވެދާނެ ކަމަށް ގަބޫލު ނުކުރެވެވޭ ކަމަށެވެ. އެމަނިކުފާނަށް މާލީ މާހިރުންގެ ލަފައާއި އިރުޝާދު ވެސް ލިބިފައި އޮތީ އެ ގޮތަށް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ކޭޝް ފްލޯ ގޮސްދާނެ ގޮތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ނަގާފައިވާ ލޯނުތައް އަޅުގަނޑުމެން އަނބުރާ ދައްކަން އެބަ ޖެހޭ. ޖީޑީޕީ އެތައް ގުނައަކުން ދަށްވެފައި މިހާރު އެ ވަނީ. މިއީ އަޅުގަނޑުމެން އެކަކު އަނެކަކުގެ މޫނަށް ބަލައިގެން ހެޔޮ ވާން ވެގެން، ރުއްސަން ވެގެން ގޮސް ނުކުރަން ޖެހޭ ކަމެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސްް މުޅި މަޖިލީހުގެ ކޮމިޓީގެ އެ މަސައްކަތް ކުރިއަށް ދާނެ އެވެ. މިއަދު ހާޒިރު ކުރި ފަސް ބޭފުޅުން ހާޒިރުވާން އަންގާނެ ކަމަށެވެ. އަންނަ އަހަރު ދައުލަތުގެ ކޭޝް ފްލޯ އޮންނާނެ ގޮތަކާ މެދު ފަސް ބޭފުޅުންގެ ލަފައާއި މަޝްވަރާ ބޭނުންވާނެ ކަމަށެވެ. މަޖިލީހުގެ އެ މަސައްކަތް ނުހުއްޓާނެ ކަމަށެވެ.