މި ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދަރަނީގެ ހިސާބުތަކުގައިވާ ކުރީ ސަރުކާރުން ނަގާފައިވާ ހަތަރު ލޯނެއްގެ ހިސާބުތައް މީގެ ކުރިން މަޖިލީހަށް ލިބިފައި ނުވާ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް އެ ހިސާބުތައް ލިބިަފައިވާ ކަމަށް މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް މިއަދުގެ ޖަލްސާގައި ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖަށް ޗައިނާގެ ބޭންކްއިން ނަގާފައިވާ ލޯނުގެ މައުލޫމާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ސިލޯން ބޭންކްއިން ނެގި ލޯނުގެ މައުލޫމާތުތައް ޑިސެމްބަރު 25، 2018 ގައި ލިބިފައިވާ ކަމަށެވެ.
ސަނީސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސް އިން ނެގި ލޯނުގެ ހިސާބުތަކާއި، ޕްރޮޖެކްޓް އިސް ރަގާއަށް އަބޫދާބީ ފަންޑް އިން ނެގި ލޯނުގެ ހިސާބުތައް ވެސް ޖުލައި 16، 2018 ގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހަށް ލިބިފައިވާ ދެ ގެރެންޓީއެއްގެ މައުލޫމާތު ފަހުން ފިނޭންސް މިނިސްޓްރީން ފޮނުވި މައުލޫމާތުގައި ވެސް ނެތް ކަން އޭނާއަށް ވެސް ފާހަގަ ކުރެވޭ ކަމަށް ނާޝިޒް ވިދާޅުވި އެވެ. މި މައްސަލަ ބެލިދާނެ ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާއިރު މިފަދަ އޮޅުންތައް ނާރާނެ ގޮތަށް ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ނެތް ކަމަށް ނަޝީދު ވިދާޅުވާ ލޯނުތައް
- ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު
- ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު
- ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނު
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅުންނަށާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވެސް ނުރުހުން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދަރަންޏެއް ނަގާތާ 30 ދުވަހެއްގެ ތެރޭގައި މަޖިލީހަށް އެ މައުލޫމާތު ފޮނުވުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށާއި ދަރަނި ބެލެހެއްޓުމުގެ ޒިންމާ ސީރިއަސްކޮށް މިނިސްޓަރުން ނަގާފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް އެއް ގަޑިއިރުގެ ވަގުތެއް އެމަނިކުފާނު ހުޅުވާލެވި އެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވިފައިވެ އެވެ.